އެކަނި ދިރިއުޅޭ މީހުންނަށް އަމާޒުކޮށްގެން ޗައިނާގައި އުފައްދާފައިވާ "އާ ޔޫ ޑެޑް؟" އެޕްލިކޭޝަން ވަރަށް ބޮޑަށް މަގުބޫލުވުމާ ގުޅިގެން، އެ އެޕްގެ ނަން ބަދަލުކޮށް ބައިނަލްއަގުވާމީ މާކެޓަށް ނެރުމަށް އެޕް ހިންގާ ކުންފުނިން ނިންމައިފިއެވެ.

ޗައިނާ ބަހުން "ސިލެމޭ" ގެ ނަމުން ނަންދީފައިވާ މި އެޕްގެ އިނގިރޭސި މާނައަކީ "ކަލޭ މަރުވީ ހެއްޔެވެ؟" މިއެވެ.

Ad
rt

މި އެޕްލިކޭޝަނަކީ އެކަނިވެރި ދިރިއުޅުމެއް އިހުތިޔާރުކުރާ މީހުންނަށް ފަރުމާކޮށްފައިވާ "ލުއި ރައްކާތެރިކަމުގެ ވަސީލަތެއް" ކަމަށް އެޕް އުފެއްދި ޓީމުން ބުނެއެވެ. މި އެޕް ބޭނުންކުރުމަށްޓަކައި ކުއްލި ހާލަތެއްގައި ގުޅޭނެ މީހެއްގެ ނަންބަރު ހިމަނަންޖެހޭއިރު، ވިދިވިދިގެން އެތައް ދުވަހެއް ވަންދެން ބޭނުންކުރާ މީހާ އެޕް މެދުވެރިކޮށް ހާލު ބަލައިނުލައިފިނަމަ، އޮޓޮމެޓިކުން ކަމާބެހޭ ފަރާތްތަކަށް ނޮޓިފިކޭޝަން ފޮނުވައިދެއެވެ.

ބައިނަލްއަގުވާމީ މާކެޓަށް "ޑެމޫމޫ"

އަންގާރަ ދުވަހު ސިލެމޭގެ ރަސްމީ ވޭބޯ ޕްލެޓްފޯމުގައި ބުނެފައިވަނީ، ކުރިއަށް އޮތް އާ ވާޝަނާއެކު ބައިނަލްއަގުވާމީ ބްރޭންޑް ނަމެއްގެ ގޮތުގައި "ޑެމޫމޫ" ތައާރަފުކުރާނެ ކަމަށެވެ.

"ފުންކޮށް ވިސްނުމަށްފަހު، 'ސިލެމޭ' އެޕްގެ ކުރިއަށް އޮތް އާ ރިލީޒްގައި ރަސްމީކޮށް ބައިނަލްއަގުވާމީ ބްރޭންޑް ނަމެއްގެ ގޮތުގައި 'ޑެމޫމޫ' ބޭނުންކުރަން ވަނީ ނިންމާފައި،" ކުންފުނިން ނެރުނު ބަޔާނެއްގައިވެއެވެ.

މި އެޕްލިކޭޝަން މިހާރު ވަނީ އެޕަލްގެ އެންމެ ގިނައިން ވިކޭ އެޕްތަކުގެ ލިސްޓުގެ ކުރިއަށް އަރާފައެވެ. އިތުރުވަމުންދާ ހަރަދުތައް ފޫބެއްދުމަށްޓަކައި ކުންފުނިން ވަނީ 8 ޔުއާން (1.15 ޑޮލަރު) ގެ ޕޭމަންޓް ސްކީމެއް ވެސް ތައާރަފުކޮށްފައެވެ. އެޕް ސްޓޯރުން މި އެޕް ޑައުންލޯޑް ކުރުމަށް މިހާރު ނަގަނީ 8 ހޮންކޮންގް ޑޮލަރު (1.03 ޔޫއެސް ޑޮލަރު) އެވެ.

ޗައިނާގެ އެކަނިވެރި ގޭބިސީތަކުގެ އަދަދު އިތުރުވުން

ޗައިނާގެ ދައުލަތުގެ ނޫހެއް ކަމަށްވާ ގްލޯބަލް ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ގައުމުގައި އެކަނި ދިރިއުޅޭ 200 މިލިއަނާ ގާތްކުރާ އަދަދެއްގެ ގޭބިސީ ހުރިއިރު، މިއީ މުޅި އާބާދީގެ 30 އިންސައްތައަށްވުރެ މަތީ އަދަދެކެވެ. މިއީ މިފަދަ އެޕްލިކޭޝަނެއްގެ ބޭނުންތެރިކަން އެ ގައުމުގައި ބޮޑުވެފައިވާ މައިގަނޑު ސަބަބެވެ.

މި އެޕް ބޭނުންކުރާ މީހަކު ބުނިގޮތުގައި، ބައެއް މީހުންނަށް މިއީ ބަލައިގަންނަން އުނދަގޫ ކަމަކަށް ވެދާނެ ނަމަވެސް، މިއީ ކައިވެނި ނުކޮށް އެކަނި ދިރިއުޅޭ މީހުންނަށް ހިތްހަމަޖެހުމާއެކު ދިރިއުޅުން ކުރިއަށް ގެންދަން ލިބޭ ބޮޑު އެހީއެކެވެ.