ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ގަވާއިދާ ހިލާފަށް ބަނގުރަލުގެ ވަގު ވިޔަފާރި ކުރަމުންދިޔަ ބަޔަކު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފިއެވެ.
މި މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
ފުލުހުން ބުނިގޮތުގައި ޑިސެމްބަރު 31 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އެ ސަފާރީ ބަލައިފާސްކުރިއިރު، އެ އުޅަނދުން ގިނަ އަދަދެއްގެ ބަނގުރާ ފެނިފައިވެއެވެ. އެގޮތުން 102 ފުޅި ބަނގުރާ އަދި 218 ދަޅު ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ އެކަކު ދިވެއްސަކާއި ހަތަރު ބިދޭސީން ހައްޔަރުކޮށްފައެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ އެމްޑީ ޝޭކަރު ހޮސައިން (34އ)، ބަންގްލަދޭޝްގެ ރަސެލް މިއާ (35އ)، ސްރީލަންކާގެ ދެ ރައްޔިތުން ކަމަށްވާ ޕުބުދު އަސެލަ ބަންދަރަ ދޮލޮސްބަ ގެދަރަ (27އ) އަދި ތަރަކަ ސަމަން ކުމާރަ ދޭވަ (35އ) އެވެ. މީގެ އިތުރުން މާލެ، ހ. ބިންމަތީއާގެ، މުޙައްމަދު މަނިކު (52އ) ވެސް ވަނީ ހައްޔަރުކޮށްފައެވެ.
މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެކި މުއްދަތަށް އެމީހުން ބަންދުކުރުމަށް އަމުރުކޮށްފައެވެ. އެގޮތުން ޝޭކަރު ހޮސައިން އާއި ރަސެލް މިއާ ފަސް ދުވަހަށް، ސްރީލަންކާގެ ދެ މީހުން ހަތް ދުވަހަށް، އަދި މުޙައްމަދު މަނިކު ތިން ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!