ރ. ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މީހުން ހައްޔަރުކޮށްފައި ވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮޕަރޭޝަނަކީ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންނަށް ލިބުނު ސިއްރު މައުލޫމާތަކަށް ބިނާކޮށް ހިންގި ހާއްސަ ހަރަކާތެކެވެ.

Ad
rt

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ،

  • ޢަބްދުﷲ ޙައްސާން (39އ)، ގުލްފާމުގެ/ރ. މާކުރަތު
  • ޢަބްދުﷲ ޝާއިފް (25އ)، އުޖާލާއަލި/ރ. ދުވާފަރު
  • އިސްމާޢީލް މުޙައްމަދު (21އ)، މެހެލި/ރ. ދުވާފަރު

ފުލުހުން ބުނިގޮތުގައި މި މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫއިން ދުވާފަރަށް މަސްތުވާތަކެތި ހިފައިގެން ލޯންޗެއްގައި ގޮސް ދުވާފަރު ފުއްޓަރު ފަރާތުން މޫދަށް ފައިބައި ފަތާފައި ގޮސް ދުވާފަރަށް އަރަން އުޅުނު ވަގުތުއެވެ. ފުލުހުން ފެނުމުން އެ ތަނުން އެކަކު ފިލަން މަސައްކަތްކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

މިއްސަލާގައި ހިމެނޭ ތިންވަނަ މީހަކު ހައްޔަރުކޮށްފައިވަނީ ދުވާފަރު މަގުމަތިން ކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަބްދުﷲ ޙައްސާން (39އ) ފަސް ދުވަހަށް އަދި އަނެއް ދެ މީހުން ވެސް 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ދުވާފަރުގައި ހިންގި މި ކާމިޔާބު އޮޕަރޭޝަނާ ގުޅިގެން ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.