ނަފްސާނީ ބަލިތަކަށް ކުރާ ހުރިހާ ހަރަދެއް އާސަންދަ މެދުވެރިކޮށް ހިލޭ ލިބޭ ގޮތަށް ސަރުކާރުން މިއަދު ހަމަޖައްސައިފިއެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ފޯރުކޮށްދޭން ނިންމާފައިވާ މުހިންމު އިތުރު ހިދުމަތްތައް އިފްތިތާހު ކުރުމަށް މިއަދު ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައިި ވަނީ ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް ހިނގާ ހުރިހާ ހަރަދެއް އާސަންދަ ސްކީމްގެ ދަށުން ފޯރުކޮށްދޭ ގޮތަށް ނިންމާފައިވާކަން ޢިއުލާންކޮށްފައެވެ.
މި ހިދުމަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ، ކަމެކެވެ. އާސަންދައިގެ ދަށުން ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމުގެ މި ޕްރޮގްރާމް ރަސްމީކޮށް ތަންފީޒު ކުރަން ފަށާނީ މާދަމާއިން ފެށިގެން ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ސަރުކާރުގެ މި ނިންމުމާއެކު، ހަމައެކަނި ސަރުކާރުގެ ހޮސްޕިޓަލްތަކުގެ އިތުރުން އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ދޭ ހުރިހާ ބާވަތެއްގެ ތެރަޕީތަކަށް ވެސް އާސަންދަ މެދުވެރިކޮށް ހަރަދު ހަމަޖައްސައިދޭނެއެވެ.
ނަފްސާނީ ބަލީގެ ޚިދުމަތްތައް އާސަންދަ ނިޒާމުގެ ތެރެއިން އެއްކޮށް ކަވަރުކޮށްދޭ ތަންތަން
- އީވް ކްލިނިކް
- އީ-ކެއަރ ކައުންސިލިން އެންޑް ސައިކޯތެރަޕީ ސެންޓަރު
- މެޑްނޯވާ މެޑިކަލް ސެންޓަރު
- އެލީޓް މެޑިކަލް ސެންޓަރ
- ސެނެހިޔާ
- ކުލުނު މެޑިކަލް ސެންޓަރ
- ސައިމާ ކެއަރ
މި ނިންމުމަކީ ރާއްޖޭގެ އިޖުތިމާއީ ރައްކާތެރިކަމާއި ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް ސަރުކާރުން ފެށި ފަސް ޕްރޮގްރާމްގެ ތެރޭގައި ހިމެނޭ މުހިއްމު ބައެކެވެ.
މި ފިޔަވަޅަކީ ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް އެޅުނު މުހިއްމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!