ކްލިނިކްތަކާއި އައިނު ފިހާރަތަކުން ހައްދާ އައިނުތަކަށް އާސަންދަ ލިބޭގޮތަށް ހަމަޖެއްސުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ނިންމައިފިއެވެ.
މި ނިންމުމާއެކު އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން، ރަޖިސްޓްރީވެފައިވާ އޮޕްޓޮމެޓްރިސްޓުން ޕްރިސްކްރައިބްކުރާ ނުވަތަ ލިޔެދޭ އައިނުތަކަށް އާސަންދައިގެ އެހީ ލިބިގެންދާނެއެވެ.
މި ބަދަލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުން ހުށަހެޅި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ނިންމެވި ނިންމެވުމެއް ކަމަށް އެންސްޕާއިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.
ސަރުކާރުން ވަނީ އާސަންދައިގެ ދަށުން އައިނު ހެއްދުމަށް ދޭ އެހީގެ މިންވަރަށްވެސް ކުރިން ބަދަލު ގެނެސްފައެވެ. އެގޮތުން ކުރިން އައިނު ހެއްދުމަށް ދެމުން އައި 1،000 ރުފިޔާގެ އެހީ، މިހާރު ވަނީ 2،000 ރުފިޔާއަށް އިތުރުކޮށްފައެވެ.
މި ޚިދުމަތް އިތުރަށް ފުޅާކޮށް، ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ސަރުކާރުން ވަނީ އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލުގައި އައިނު ފިހާރަތަކެއްވެސް ހުޅުވާފައެވެ. މި ފިހާރަތަކުގެ ސަބަބުން ސަރުކާރުގެ މައި ހޮސްޕިޓަލްތަކުން ޚިދުމަތް ހޯދާ ފަރާތްތަކަށް އެއް ފުރާޅެއްގެ ދަށުން އައިނު ހެއްދުމުގެ ޚިދުމަތް ލިބިގެންދާނެއެވެ. އަދި އުތުރާއި ދެކުނުގައި ވެސް އައިނު ފިހާރަ ހުޅުވާނެކަން ސަރުކާރުން ވަނީ ޢިއުލާންކޮށްފައެވެ.
މީގެ ކުރިން އާސަންދައިގެ ދަށުން އައިނު ހެއްދުމުގައި ހުރި ދަތިތަކަށް މި ބަދަލާއެކު ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!