ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި ހަސަން މަމްދޫހު (މަންޑޭ) 397 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މަންޑޭ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އޭނާގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ކުރިއިރު އޭގެ ތެރެއިން 94 ދައުވާއެއް ވަނީ ސާބިތުވެފަ އެވެ. އެއީ ރާއްޖޭގެ ރެކޯޑެކެވެ.

Ad
rt

މަންޑޭގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވީ ޓެކުމުގެ 46 ދައުވާއެއްގައި 368 އަހަރުގެ ޖަލު ހުކުމަކާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާގައި 14 އަހަރުގެ ޖަލު ހުކުމަކާއި މަނީ ލޯންޑްރިންގެ ކުށުގައި 15 އަހަރު އަދި ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ކުށެއްގައި ދޮޅު އަހަރުގެ ޖަލު ހުކުމެކެވެ.

މީގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގައި މަންޑޭ 30 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް, ހުޅުމާލެއިން އޭނާ ގަނެފައިވާ ޕެންޓްހައުސް ދައުލަތަށް ނެގުމަށް ވެސް ކޯޓުން އަމުރުކުރި އެވެ.

އެ މައްސަލާގައި ދެން ދައުލަތުން ދައުވާކުރި ރ. އަލިފުށީ ކިނާރާ ޖައިޝާން ސައީދުގެ މައްޗަށް އިއްވީ ޓެކުމުގައި ބައިވެރިވުމުގެ 44 ދައުވާގައި 139 އަހަރުގެ ޖަލު ހުކުމަކާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 40 ދައުވާގައި 13 އަހަރުގެ ޖަލު ހުކުމަކާއި މަނީ ލޯންޑްރިންއަށް އެހީވުމުގެ ކުށުގައި 5 އަހަރަށް ޖަލަށްލުމާއެކު ތިން ލައްކަ ރުފިޔާގެ ޖޫރިމަނާ އެކެވެ.

އެ ދެ މީހުން ޖަލަށްލުމުގެ އިތުރުން އެ މީހުން ފައިސާ ނެގި މީހުންނަށް އެ ފައިސާ ހަ މަސް ދުވަސް ތެރޭގައި އަނބުރާ ދިނުމަށް އެ ހުކުމުގައި އެންގި އެވެ.