ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒުކުރަން ސަރުކާރުން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނު ކުރައްވައިފިއެވެ.
ރައީސް މިކަން ހާމަކުރެއްވީ މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި ޕޯސްޓްގައި ރައީސް ވިދާޅުވި ގޮތުގައި، މި ނިންމެވުމަކީ 17 ޑިސެންބަރު 2025 ގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު އެމަނިކުފާނު ބޭއްވެވި ބައްދަލުވުމުގައި އެ ފަރާތްތަކުން ފާހަގަކުރެއްވި ކަންކަމަށް ރިޢާޔަތްކޮށް ނިންމެވި ނިންމެވުމެކެވެ.
މިގޮތުން މި ދާއިރާ ކުރިއެރުވުމަށް ސަރުކާރުގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަންކަމާއި، މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ނަތީޖާ ހެޔޮގޮތުގައި ބައްޓަންކުރުމަށްޓަކައި މިދިޔަ ބުދަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިފައިކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މި މަޝްވަރާތަކަށްފަހު، ކުރިއަށް އޮތް ދެ އަހަރަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަ އިސްކަމެއްދީގެން ފިޔަވަޅުތައް ތަންފީޒުކުރާނެ ދެ އަހަރުގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. މީގެ ކުރިން ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި އިޢުލާނުކުރި ކަންކަމުގެ އިތުރުން، އިތުރު ޚާއްސަ ފިޔަވަޅުތަކެއް މި މުއްދަތުގެ ތެރޭގައި އެކުލަވާލައި ތަންފީޒުކުރެވޭނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، މިގޮތުން ނިންމާފައިވާ ބައެއް ކަންކަން 1 ޖެނުއަރީ 2026 އިން ފެށިގެން ތަންފީޒު ކުރަން ފަށާނެއެވެ. އަދި މިކަންކަމާ ގުޅޭ އިތުރު ތަފްސީލީ މަޢުލޫމާތުތައް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކުރިއަށް އޮތް ތަނުގައި ޢިއުލާން ކުރަމުންދާނެ ކަމަށްވެސް ރައީސްގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ އެކި ދާއިރާތަކުގެ ވިޔަފާރިވެރިންނާއެކު 17 ޑިސެންބަރު 2025 ގައި ބޭއްވެވި ބައްދަލުވުމުގައި ރައީސް ވަނީ ވިޔަފާރިވެރިން ހުށަހެޅުއްވި ޚިޔާލުތަކަށް ރިޢާޔަތްކުރައްވައި، ރާއްޖެއަށް މުދާ އެތެރެކުރުމުގެ މަރުހަލާގައި ހޭދަވާ ޑެމަރޭޖް ނާރާ ވަގުތު، 80 ގަޑިއިރުން 124 ގަޑިއިރަށް ބަދަލުކުރެއްވުމަށް ނިންމަވާފައިވާކަން އިޢުލާންކުރައްވައި، މުދާ ކްލިއަރ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްދެއްވުމަށް ނިންމަވާފައެވެ. މި ނިންމެވުމާއި އެއްގޮތަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ވަނީ 25 ޑިސެންބަރު 2025 އިން ފެށިގެން މުދާ ކްލިއަރ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!