ބަނގުރަލާއި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލައެއްގައި މާލެއިން ތިން ބިދޭސީއަކު ހައްޔަރުކޮށް، އެ މީހުން ޑީޕޯޓްކުރުމަށްޓަކައި އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މި ތިން މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓުން މި ޑިސެންބަރު މަހުގެ 15 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ.

Ad
rt

ފުލުހުން ހާމަކުރި ގޮތުގައި މި އޮޕަރޭޝަނުގައި މާލޭގެ ދެ އެޕާޓްމަންޓެއް ބަލައިފާސްކޮށް ބަނގުރަލާއި މަސްތުވާތަކެތި ހޯދާފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ތިން ފިރިހެނުން ކަމަށްވާ 27 އަހަރުގެ ޓިނޯ ގަނެސަން، 25 އަހަރުގެ އަރުޖުން ކުއްޕަން އަދި 33 އަހަރުގެ އަނީޝް ޕުޝްޕަކަރަން އެވެ.

ބަލައިފާސްކުރި އެޕާޓްމަންޓްތަކުން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ގިނަ އަދަދެއްގެ ތަކެތި ފެނިފައިވެއެވެ. އޭގެ ތެރޭގައި 500 އެމްއެލްގެ 12 ފުޅިއާއި، 5 ލީޓަރުގެ 3 ފުޅި، އަދި 12 ޓައްޕު ހިމެނެއެވެ.

މީގެ އިތުރުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅަކާއި ރަބަރު ޕެކެޓެއްގެ އިތުރުން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނުތައްވެސް ފުލުހުން ވަނީ ހޯދާފައެވެ.

މި ތިން މީހުން ހައްޔަރުކުރުމަށްފަހު، އެ މީހުން ޑީޕޯޓްކޮށްލުމަށްޓަކައި އިމިގްރޭޝަނާ ވަނީ ހަވާލުކޮށްފައެވެ.

ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރުމުގެ މަސައްކަތް ކުރަމުންނެވެ.