ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާގެ ޤާނޫނު ހަދާ މަޖިލީހަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ޒިޔާރަތަކީ އެ މަޖިލީހުގެ ސްޕީކަރ ޕުއާން މަހާރާނީގެ ދައުވަތަކަށް ކުރެއްވި ޒިޔާރަތެކެވެ.
ފައިސަލް ނަސީމްގެ ފަރާތުން މައުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވިގޮތުގައި މި ބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދެވުނެވެ.
މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ރާއްޖެއާއި އިންޑޮނޭޝިއާއާ ދެމެދު އޮތް 50 އަހަރުވީ ގާތް ގުޅުމާއި، ކުރިއަށް އޮތް ތަނުގައި ދެ ޤައުމު އެކުގައި ކުރިއަށް ދިޔުމުގެ މުހިންމު ކަމާ ގުޅޭގޮތުންކަމަށް އޭނާ ވިދާޅުވިއެވެ.
''ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި، ތަޢުލީމީ، ޞިއްޙީ، މޫސުމީ، އަދި އިޤްތިޞާދީ ދާއިރާ ފަދަ ތަފާތު ގިނަ ދާއިރާތަކުން އެކުގައި މަސައްކަތް ކުރެވޭނެ ގޮތްތަކާ މެދު ޚިޔާލު ބަދަލުކުރެވުނު'' އޭނާ ވިދާޅުވިއެވެ.
އިންޑޮނޭޝިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ސްޕީކަރ ވަނީ، ދިވެހި ސަރުކާރާ ގުޅިގެން އެކުގައި ކުރިއަށް ދިއުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!