20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިސްލާހެއް ގެނެސް، އޮންލައިންކޮށް ޕެޓިޝަން ހުށައެޅޭގޮތަށް މިއަދު ފާސްކޮށްފިއެވެ.

މި އިސްލާހު ފާސްކުރީ ޢާންމު ކޮމިޓީން ދިރާސާކުރެއްވުމަށްފަހު، 57 މެންބަރުންގެ ތާއީދާއެކުގައެވެ.

Ad
rt

މި އިސްލާހާއެކު މަޖިލީހަށް ދެ ބާވަތެއްގެ ޕެޓިޝަން ހުށައެޅޭނެއެވެ. އެއީ ކަރުދާސް ޕެޓިޝަން އަދި އިލެކްޓްރޯނިކް ޕެޓިޝަން (އީ-ޕެޓިޝަން) އެވެ. ކަރުދާސް ޕެޓިޝަން ހުށައަޅަންޖެހޭނީ މަޖިލީހުގެ އިދާރާއަށް ކަމަށްވާއިރު، އީ-ޕެޓިޝަން ހުށައަޅާނީ ޚާއްސަކޮށް ތައްޔާރުކުރެވިފައިވާ އީ-ޕެޓިޝަން ޕޯޓަލް މެދުވެރިކޮށެވެ. މިއީ ޕެޓިޝަން ހުށައެޅުމުގެ އިޖުރާއަތްތައް ފަސޭހަކޮށް، ދުރުގައި ތިބޭ ރައްޔިތުންނަށްވެސް ފުރުސަތު ހޯދައިދޭނެ ގޮތެކެވެ.

ޕެޓިޝަނެއްގައި ހުންނަންޖެހޭ ޝަރުތުތައްވެސް ވަނީ މި އިސްލާހާއެކު ކަނޑައަޅާފައެވެ. އެގޮތުން ޕެޓިޝަން ލިޔެފައި ހުންނަންޖެހޭނީ ދިވެހިބަހުގެ ރިވެތި އާދަބުތަކާ އެއްގޮތަށް މަޖިލީހަށް މުޚާތަބުކޮށެވެ. އަދި ކަރުދާސް ޕެޓިޝަނެއްނަމަ ކޮންމެ ގަނޑެއްގައިވެސް ހުށައަޅާ ފަރާތުން ސޮއިކޮށްފައި އޮތުން ލާޒިމެވެ. އެންމެ މުހިންމު އެއް ޝަރުތަކީ، ޕެޓިޝަން ހުށައަޅާ ފަރާތާއެކު މަދުވެގެން 500 މީހުން ސޮއިކޮށްފައި އޮތުމެވެ. މި ޝަރުތުތަކުގެ ތެރެއިން އެއްވެސް ޝަރުތެއް ފުރިހަމަނުވާނަމަ ޕެޓިޝަން ބަލައިނުގަންނާނެއެވެ.

މި އިސްލާހަށް ޢަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހުން ފެށިގެންނެވެ. އެ ދުވަހު އީ-ޕެޓިޝަން ޕޯޓަލް އިފްތިތާޙުކުރެވޭނެކަމަށް މަޖިލީހުން ވަނީ މިއަދު ބުނެފައެވެ.

މި އިންތިޒާމާއެކު، ރައްޔިތުންގެ ޝަކުވާތަކާއި ހުށައެޅުންތައް މަޖިލީހަށް ފޯރުކޮށްދިނުމުގެ މަގު އިތުރަށް ފަހިވެގެންދާނެކަމަށް ބެލެވެއެވެ.