ހއ. އިހަވަންދޫ ކައުންސިލުން އެރަށުގައި ބާއްވާ "ރަސްތަރި ޤުރްއާން މުބާރާތް 2025" ނިންމުމުގެ ރަސްމިއްޔާތު މިރޭ އޮންނާނެއެވެ.

މިރޭ 20:15 ގައި ފަށާ މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދެވެ.

Ad
rt

މިމުބާރާތުގެ ފުރަތަމަ އަދި ދެވަނަ ރައުންޑް ނިމި، ގަދަ 5 ބައިވެރިން މިހާރު ހޮވާފައިވާއިރު، މިހާރު ކުރިއަށް ދަނީ ގަދަ ފަސް ބައިވެރިންނާއެކު މިމުބާރާތުގެތިންވަނަ ރައުންޑެވެ.

މި މުބާރާތުގެ ގަދަ ފަސް ބައިވެރިންނަށް ހޮވިފައި ވަނީ އިހަވަންދޫގެ ތިން ދަރިވަރަކާއި ދިއްދޫގެ ދެ ދަރިވަރެކެވެ. ގަދަ ފަހަކަށް ހޮވުނު އިހަވަންދޫގެ ބައިވެރިންނަކީ ޔައިޝާ ޔާސިރު އިބްރާހިމް / ދޭލިޔާގެ، މަރިޔަމް މިދުހާ ހާޝިމް މުހައްމަދު / އަންބަރީގެ އަދި އައިޝަތު މައިހާ މާހިރު / ރަށްމެދުގެ އެވެ. އަދި ދިއްދޫގެ ބައިވެރިންނަކީ މަރިޔަމް ހިބާ ހުސައިން / ވިގޯރަސް އަދި އައިޝަތު ރީޝް ނަސީމް / ފިޔަނޫރުވިލާ އެވެ.

ހއ. އަތޮޅުގެ ހުރިހާ ރަށަކަށް ވެސް ބައިވެރިވުމުގެ ފުރުސަތުދިން މި މުބާރާތުގައި އެ އަތޮޅުގެ ޖުމްލަ 7 ރަށަކަކުން ބައިވެރިވިއެވެ.

މި މުބާރާތަށް ބައިވެރިން ހޮވީ ބައިވެރިވި ކޮންމެ ރަށެއްގައި އޮޑިޝަނެއް ބާއްވައިގެންނެވެ. މި މުބާރާތުގެ ކޮލިޓީ ހިފެހެއްޓުމަށްޓަކައި ކޮންމެ ރަށަކަށް ދިނީ 10 ޖާގަކަމަށް އިހަވަންދޫ ކައުންސިލުން ބުންޏެވެ.

މި މުބާރާތުގައި ޖުމްލަ 54 ދަރިވަރުން ބައިވެރިވެފައިވާއިރު، އިހަވަންދޫ ވަނީ ވަރަށް ބޮޑަށް މި މުބާރާތަށް ތައްޔާރުވެފައެވެ.

މުބާރާތުގެ މަޤުސަދަކީ، ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބި ޖައްސައި، ކީރިތި ޤުރްއާން ކިޔެވުމުގެ ފަންނުވެރިކަން އުފައްދައި، ޤުރްއާން ކިޔެވުމުގެ މައިދާނުގައި ވާދަވެރިކަން އުފެއްދުމަށެވެ.

އުމުރާ ދަތުރެއް ހިމެނޭހެން މި މުބާރާތުގައި ވަނަ ވަނަ އަށްދާ ފަރާތްތަކުގެ ތެރެއިން އެއްވަނަ އަށްދާ ފަރާތައް 10،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި މުބާރާތުގެ އެއްވަނަ ރަށަށް ވެސް 10،000 ރުފިޔާގެ އިނާމެއް ދޭނެއެވެ.