ދިއްދޫ މަސްޖިދުއްރަޙްމާ ހުރި ބިމުގައި ޒަމާނީ މިސްކިތެއް އެޅުމަށް މިއަދު އެ މިސްކިތުގެ ބިންގާ އަޅައިފިއެވެ.
ދިއްދޫގައި މިއަދު އެކަމަށް ބޭއްވި ރަސްމިއްޔާތުގައި އެ މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީ މަރުކަޒުގެ އިސް އިމާމު، އައްސައިޚް މުޙައްމަދު ލަތީފާއި، ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދެވެ.
މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދާއި، އެ ވުޒާރާގެ ވެރިންނާއި، ދިއްދޫ ދާއިރާގެ މެމްބަރު އަބުދުއްލަތީފް މުހައްމަދު (ލަތީބެ) އާއި، އެރަށުގެ ކައުންސިލާއި މުވައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނާއި އާންމުން ވެސް ބައިވެރިވިއެވެ.
ދިއްދޫ ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު ''ތިލަދުން'' އަށް ވިދާޅުވިގޮތުގައި މިއީ 1200 މީހުންގެ ޖާގައިގެ މިސްކިތެއްކަމަށެވެ. އަދި އެ މިސްކިތް ބިނާ ކުރުމަށް ބަޔަކާ ހަވާލުކުރުން މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށްވެސް ވިދާޅުވިއެވެ.
''ދިއްދޫ މަސްޖިދުއްރަޙްމާ މިސްކިތް ހުރިތާ މިސްކިތެއް ބިނާކުރުމަށް ވަނީ ބިންސާފުކުރެވިފައި، އެ މިސްކިތް ބަޔަކާއި ހަވާލުކުރުން އޮންނާނީ ކޮމެޓީގައި އެންމެ ފަހު މަރުހަލާގައި މިހާރު، ވަރަށް އަވަހަށް ބަޔަކާއި ހަވާލުކުރެވޭނެ، 15 ވަރަކަށް މިލިއަން މި މަޝްރޫޢޫ އަށް ޚަރަދުވާނެ'' ރަޝީދު ވިދާޅުވެފަވެއެވެ.
ދިއްދޫ މަސްޖިދުއްރަޙްމާ ހުރި ބިމުގައި ޒަމާނީ މިސްކިތެއް އެޅުމަށް މިއަދު އެ މިސްކިތުގެ ބިންގާ އަޅާފައިވާއިރު، އެރަށުގައި މިއަދު ހުޅުވި އިސްލާމީ މަރުކަޒުގައި ހުންނަ މިސްކިތާއެކު ހުކުރު ކުރާ ތިން މިސްކިތް އެރަށުގައި މިހާރު ވެސް ހުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!