ވިލިމާލެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓް ކާޓަންތަކެއް ގެއްލުނު ދެ މައްސަލައެއް ފުލުހުން ބަލަންފަށައިފިއެވެ.
ފުލުހުން ބުނިގޮތުގައި މިތަނުން ބަލަމުން އަންނަ ފުރަތަމަ މައްސަލައަކީ ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިގެން 23 މެއި 2025 ވަނަ ދުވަހު ބިދޭސީއެއްގެ އަތުން ވިލިމާލޭ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ 32 ކާޓަން ސިނގިރޭޓްގެ ތެރެއިން 6 ކާޓަން ގެއްލުނު މައްސަލައެވެ. އެ 6 ކާޓަން ސިނގިރޭޓް މަދުކަން އެނގުނީ 12 ނޮވެމްބަރު 2025 ގައި ކާޓަންތައް ކަސްޓަމްސްއާއި ހަވާލުކުރުމަށް ބެލި ބެލުމުންކަމަށް ފުލުހުން ބުންޏެވެ.
ދެވަނަ މައްސަލައަކީ، ކުރީގެ މައްސަލަ ބަލަމުން ދަނިކޮށް 23 ޑިސެމްބަރު 2025 ގައި ދެ ބިދޭސީއެއްގެ އަތުން ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ 25 ކާޓަން ސިނގިރޭޓް ގެއްލުނު މައްސަލައެކެވެ.
ފުލުހުން ބުނީ މި ދެ މައްސަލައާއި ގުޅޭގޮތުން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑް ފުރިހަމަ ތަހްގީގެއް ކުރަމުން އަންނަކަމަށެވެ. އަދި އެ މައްސަލަތަކުގެ ޖިނާއީ ތަހުގީގު ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
''މި ޚިދުމަތުގެ އަޚުލާގީ މިންގަޑާއި އަސާސީ އުސޫލްތަކާއި ޚިލާފް މިފަދަ ކޮންމެ ކަމަކީ، ބޮޑު އިސްކަމެއްދީގެން ތަހްގީގުކޮށް ޤާނޫނީ ފިޔަވަޅު އަޅާނެ ކަންކަމެވެ. އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ގެއްލުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއްނޫނެވެ.'' ފުލުހުންގެ ބަޔާނުގައި ބުނެފަވެއެވެ.
ފުލުހުން ބުނީ މިފަދަ ކަންކަމަކީ ފުލުހުންގެ ފަރާތުން ފެންނަންޖެހޭ އަޚްލާގާއި ހަރުދަނާ މަސައްކަތުގެ ކަނޑައެޅިގެން ޚިލާފްކަންކަންކަމަށާއި، އެކަމުގައި ބައިވެރިވާ ފަރާތް ނުވަތަ ފަރާތްތައް ދެނެގަނެ، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރާނެކަމަށެވެ.
ފުލުހުން ބުނީ އެ މުއައްސަސާގެ ހުރުމަތްކުޑަކޮށް ރައްޔިތުންގެ އިތުބާރު ގެއްލޭގޮތަށް ޢަމަލުކުރާ މުވައްޒަފުންނަށް އެ މުއައްސަސާއިން ފުރުސަތު ނުދޭނެކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!