ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ، އިސްލާމިކް ފައިނޭންސިންގ އުސޫލުން، ކުލި ދައްކައި ޚަލާސްކުރުމުން މިލްކުކުރެވޭ (ލީސް-ޓު-އޯން) މޮޑެލްގެ ދަށުން 3000 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށްޓަކައި، އެ ބޭންކުގެ %100 ހިއްސާ ހިމެނޭ އާ ސަބްސިޑިއަރީއެއް އުފައްދަިފިއެވެ.
ބީ.އެމް.އެލް. އެފޯޑަބަލް ހޯމް ލީސިންގ ޕްރައިވެޓް ލިމިޓެޑްގެ ނަމުން ނަން ދީފައިވާ މިކުންފުނިން، މި މަޝްރޫޢު ކުރިއަށްގެންދަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ.) އިން ހުރިހާ ބޭންކްތަކަށް ލާޒިމުކޮށްފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމް (އައިއެންއޭއެޗް) ގެ ދަށުންނެވެ.
މި 3،000 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށްޓަކައި، ހުޅުމާލެ ފޭސް 1، ފޭސް 2 އަދި ވިލިމާލެއިން ބިން ހޯދުމަށް ބޭންކް އޮފް މޯލްޑިވްސް އިން ވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާއެކު އެމްޔޫއޯއެއްގައި ސޮއިކޮށްފައެވެ. މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބާއި، ބީ.އެމް.އެލް. އެފޯޑަބަލް ހޯމް ލީސިންގ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާމްއެވެ. މި މަސައްކަތް ފެށިގެން ދިއުމަކީ، ރާއްޖޭގައި ކުޑަ އަގުގައި ގެދޮރު ހޯދުމުގެ ފުރުސަތުތައް އިތުރުކުރުމަށްޓަކައި ކެބިނެޓުން ނިންމާފައިވާ ނެޝަނަލް ހައުސިންގ އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ ޕްރޮޖެކްޓްގެ މުހިންމު ބައެކެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ގައުމުގެ އެންމެ ބޮޑު ބޭންކްގެ ހައިސިއްޔަތުން މި މުހިއްމު މަޝްރޫއަށް ހަރުދަނާ ގޮތެއްގައި އެހީތެރިވެދެނީ ޒިންމާދާރުކަމާއި ފަޚުރުވެރިކަމާއެކު ކަމަށެވެ. "މިއަދުގެ އެއްބަސްވުމުގައި ސޮއިކުރުމާއެކު، މި މަޝްރޫއު ތަންފީޒުކުރުމުގެ މަސައްކަތް ފެށި ރާއްޖޭގެ ފުރަތަމަ ބޭންކަކަށް ވުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަޚުރެއް،" ޝަރީފް ވިދާޅުވިއެވެ. މީގެ އިތުރުން، ރާއްޖޭގައި ދޫކޮށްފައިވާ ޖުމުލަ ލޯނުގެ %52 އަށް ވުރެ ބޮޑު އަދަދެއް ހިއްސާކުރަނީ ބީއެމްއެލް އިން ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ގެދޮރުގެ މިލްކުވެރިކަމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަގުސަދުގައި އެމް.އެމް.އޭ. އިން ކަނޑައަޅާފައިވާ ގަވާއިދުގައިވާ ގޮތުން، ރާއްޖޭގެ ހުރިހާ ކޮމާޝަލް ބޭންކްތަކުން ޖުމްލަ ލޯނު ޕޯޓްފޯލިއޯގެ %10 އާއި %15 އާ ދެމެދުގެ ނިސްބަތެއް އައިއެންއޭއެޗް ސްކީމަށް ޚާއްޞަކުރުމަށް ލާޒިމުކުރެއެވެ. މި ގަވާއިދަށް އަމަލުކުރުމަށްޓަކައި، ބީއެމްއެލް އިން ވަނީ އެމް.އެމް.އޭ އިން ނެރެފައިވާ ގަވާއިދުގެ 4 ވަނަ މާއްދާގެ ހ އާއި އެއްގޮތަށް އިސްލާމިކް ފައިނޭންސިންގ އުސޫލުން ފައިނޭންސިންގ ދޫކުރުމަށް ބީ.އެމް.އެލް. އެފޯޑަބަލް ހޯމް ލީސިންގ ޕްރައިވެޓް ލިމިޓެޑް ރަޖިސްޓަރީކޮށްފައެވެ. މިއީ، ދިވެހި އާއިލާތަކަށް ދިރިއުޅުމަށް ލުއިފަސޭހަ އަދި އަތްފޯރާ ފަށުގައި ގެދޮރުވެރިވެވޭނެ ހައްލުތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އެޅުނު މުހިންމު ފިޔަވަޅެކެވެ. ބޭންކުން ބުނެފައިވަނީ މި ޕްރޮޖެކްޓް ހިންގުމުގައި ވެސް ހިއްސާދާރުންނާއި ކަސްޓަމަރުންގެ މަސްލަހަތު ރައްކާތެރިކުރުމަށް އިސްކަންދީ، ގަވާއިދުތަކަށް ފުރިހަމައަށް ތަބާވާނެ ކަމަށެވެ.

މީގެ އިތުރުން މުޙައްމަދު ޝަރީފް ވިދާޅުވީ، ލީސް-ޓުއޯން މޮޑެލްގެ ދަށުން އަލަށް ގެދޮރުވެރިންނަށް ވާން ބޭނުންވާ ފަރާތްތަކަށް ބޭންކުން ފައިނޭންސްކޮށްގެން ތަރައްގީކުރާ މި ޔުނިޓްތައް އިމާރާތްކުރާނީ ގާބިލު އަދި ތަޖުރިބާކާރު ޑިވެލޮޕަރުންނާ ހަވާލުކޮށްގެންކަމަށާއި ބޭންކުން މި މަޝްރޫއު ކުރިއަށް ގެންދާނީ، ގެދޮރުގެ މިލްކުވެރިކަން ހޯދޭނެ ގޮތަށް، ހަރުދަނާ އޮނިގަނޑަކަށް ފެތޭ އަދި ލުއިފަސޭހަ ގޮތަކަށްކަމުގައި ވިދާޅުވިއެވެ.
"މި ޔުނިޓްތަކަށް މަހު ކުލި ދައްކަމުންގޮސް ޖުމްލަ އަދަދު ދައްކާ ޚަލާސްކުރުމުން އެ ތަނުގެ މިލްކުވެރިކަން ބަދަލުކުރެވޭނެ" ޝަރީފް ވިދާޅުވި އެވެ.
ބޭންކުން މިހާރު ވަނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ގާބިލު ބައެއް ޑިވެލޮޕަރުންނަށް އެކްސްޕްރެޝަން އޮފް އިންޓްރެސްތް ހުށަހެޅުމަށް ދައުވަތުދީފައިކަމަށާއި ޑިވެލޮޕަރުންނާއެކު އެއްބަސްވުންތައް ގާއިމުކުރާނީ ގަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން އަދި ޑިއުޑިލިޖެންސް ފުރިހަމަކުރުމަށްފަހުގައިކަމަށް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!