ޤައުމީ ދިފާޢީ ބާރު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އެއަރ ކޯރގެ ފުރަތަމަ އެއަރ ސްޓޭޝަން، އައްޑޫ ސިޓީގެ ގަމުގައި ޤާއިމުކޮށް، މިއަދު ރަސްމީކޮށް ޚިދުމަތް ފަށައިފިއެވެ.

"ގަން އެއަރ ސްޓޭޝަން"ގެ ޚިދުމަތް ފައްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒުއެވެ.

Ad
rt

ގަން އެއަރ ސްޓޭޝަންގެ ޚިދުމަތް ފައްޓަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ، "ގަން އެއަރ ސްޓޭޝަން" ގެ ނަންބޯޑު ކަޝްފުކޮށްދެއްވައި، އެ ސްޓޭޝަންގައި ޑިޕްލޯއީކުރި އެއަރ ސްކޮޑްރަންގެ ޕެނަންޓް، އެ ސްކޮޑްރަންގެ ކޮމާންޑަރ، މޭޖަރ ޙަސަން ދީދީއާ ރަސްމީކޮށް ހަވާލުކޮށްދެއްވާފައެވެ.

މި އެއަރ ސްޓޭޝަން ޤާއިމުކޮށްފައި ވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ދަށުން، ދިވެހިރާއްޖޭގެ މުޅި ދެކުނުގެ ސަރަޙައްދަށް ނިސްބަތްވާ އިސްތިރާޖީ ގޮތުން މުހިންމު، ދިފާޢީ ވަރުގަދަ ބުރުޒެއްގެ ގޮތުގައެވެ.

ގަން އެއަރ ސްޓޭޝަންގައި ހިމެނޭ ވަސީލަތްތަކުގެ ތެރޭގައި 400 މީޓަރުގެ ޓެކްސީވޭއަކާއި، 100 މީޓަރުގެ އެޕްރަނަކާއި، އެންމެ ޒަމާނީ ޓެކްނިކަލް ވަސީލަތްތައް ހިމެނޭ ހެނގަރެއް ހިމެނެއެވެ.

މީގެ އިތުރުން ސިފައިން ތިބުމަށް ޚާއްޞަ އެކޮމޮޑޭޝަން ވެސް ޤާއިމުކޮށްފައިވެއެވެ. މި ސްޓޭޝަނަކީ އެމްއެންޑީއެފް އެއަރ ކޯރގެ ޓީބީ-2 އެއަރކްރާފްޓްތައް އުދުހުމަށް ޚާއްޞަ އެއަރ ސްކޮޑްރަން-2 ގެ ބޭނުމަށް ފަރުމާކުރެވިފައިވާ ތަނެކެވެ. މުސްތަޤްބަލުގައި ދިވެހި އަސްކަރިއްޔާގެ ވައިގެ ބާރު ފުޅާވަމުންދާ ވަރަކަށް، މި ސްޓޭޝަން ތަރައްޤީކުރެވޭނެ ގޮތަށް ވަނީ އިންތިޒާމު ހަމަޖެހިފައެވެ.

މި އެއަރ ސްޓޭޝަން ޤާއިމުކުރުމަށް ދިވެހި ސިފައިން ވަނީ ޤައުމީ ރޫޙުގައި، އަސްކަރީ ފޯރިއާއި ޖޯޝުގައި ބުރަ މަސައްކަތްތަކެއް ކޮށްފައެވެ.