މިދިޔަ އަހަރުގެ އޭޕްރީލް މަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ހިފެހެއްޓި 13.6 މިލިއަން ސިނގިރޭޓް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައާ ގުޅިގެން މިހާތަނަށް ތަޙްޤީޤަށް ހޯދުނު ބައެއް މުހިންމު ކަންކަން ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ހިއްސާކޮށްފިއެވެ.

މިވައްކަން ހިންގާފައިވަނީ ވަރަށް ރޭވުންތެރިކަމާއެކު، ކޮންޓެއިނަރުތަކާއި އުޅަނދުފަހަރުގެ މައުލޫމާތު ބަދަލުކޮށްގެން ކަމަށް ފުލުހުން ބުނެއެވެ.

Ad
rt

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައިވާ ގޮތުން، 26 އޭޕްރީލް 2025 ގައި ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓައި، ވަގަށް ނަގައިފައިވާކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ އޮކްޓޫބަރު މަހުގެ 9 ވަނަ ދުވަހުއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް ޖުމުލަ 9 މީހަކު ހައްޔަރުކޮށްފައިވެއެވެ. ތަހުގީގު ކުރިއަށްދާ މި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން 7 މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަނެއް ދެ މީހުން ކަމަށްވާ ޙުސައިން ސާމިޙު އާއި އަޙްމަދު ޝަހީމްގެ ބަންދާ މެދު ގޮތެއް ނިންމުމަށް 2025 ނޮވެންބަރު 01 ވަނަ ދުވަހު ކޯޓަށް ހުށަހެޅުމުން، އެ ދުވަހުން ފެށިގެން 16 ދުވަހުގެ މުއްދަތަށް އެ ދެމީހުން ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފައެވެ.

ފުލުހުން ބުނި ގޮތުގައި، ހައްޔަރުކުރި މީހުންގެ ތެރޭގައި މި ވައްކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުންނާއި، އަމަލީ ގޮތުން ވައްކަން ކުރުމުގައި ބައިވެރިވި މީހުންނާއި، ކޮންޓެއިނަރު ވަގަށް ގެންދިއުމަށް ބޭނުންކުރި ދޯނި އެވަގުތު ދުއްވަން އިން ކެޕްޓަންގެ އިތުރުން، މި ވައްކަމުގައި އެކި ގޮތްގޮތުން ބައިވެރިވެފައިވާކަމަށް ތަހުގީގުން ހޯދުނު ފަރާތްތައް ހިމެނެއެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލައިގެ ތަހުގީގަށް 19 މީހަކު ފުރުން މަނާކުރެވިފައިވާއިރު، 5 އުޅަނދު ބަލައިފާސްކޮށް، މާލެ، ހުޅުމާލެ އަދި ތިލަފުށީގެ 21 ތަނެއް ވަނީ ބަލައިފާސްކޮށްފައެވެ.

ފުލުހުންގެ ތަހުގީގަށް ހޯދުނު ގޮތުގައި، ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު ވަގަށް ނަގައިފައިވަނީ ވަރަށް ރޭވުންތެރިކަމާއެކުއެވެ. މިގޮތުން، ވަގަށް ނެގުނު ކޮންޓެއިނަރުތަކާ އެއްގޮތް ދެ ކޮންޓެއިނަރު ތައްޔާރުކުރުމަށްފަހު، އެމްޕީއެލް ޓާރމިނަލްގައި ބަހައްޓާފައި ހުރި ސިނގިރޭޓް ކޮންޓެއިނަރުތައް ވަގަށް ނެރެގެން ގެންދިޔައީއެވެ. އަދި، އޭގެ ބަދަލުގައި އެއާ އެއްގޮތަށް ތައްޔާރުކުރި ދެ ކޮންޓެއިނަރު ދޯންޏެއްގައި ޓާމިނަލަށް ގެންގޮސް ބެހެއްޓިއެވެ.

މީގެ އިތުރުން، ކޮންޓެއިނަރުތައް ބަދަލުކޮށް ވައްކަން ކުރުމުގައި ބޭނުންކުރި ދޯނީގެ ނަމާއި ރަޖިސްޓްރީ ނަންބަރުވެސް ބަދަލުކޮށްފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވެއެވެ. ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު ދޯންޏަކަށް އަރުވައިގެން ތިލަފުށްޓަށް ގެންގޮސްފައިވާއިރު، އެ ދެ ކޮންޓެއިނަރު ތިލަފުށީގައި ބަހައްޓައިގެން ހަލާކު ކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. ހަލާކުކުރި ކޮންޓެއިނަރުތަކުގެ ބައިތައް ތިލަފުށީގެ ސައިޓެއްގައި ހުއްޓައި ފުލުހުން ވަނީ ހޯދާފައެވެ.

ސިނގިރޭޓް ވައްކަން: ދިގަލި ޝަރީޢަތް ނިމެންދެން ބަންދު، އިތުރު ބަޔަކު ހައްޔާރުކޮށްފި

މި ވައްކަމާ ގުޅޭ އެއްވެސް މައުލޫމާތެއް، ނުވަތަ ވަގަށް ނަގައިފައިވާ ސިނގިރޭޓާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ ސިނގިރޭޓް އެތެރެކުރުމުގެ ހުއްދަ ނެތި ފުޅާ ދާއިރާއެއްގައި ސިނގިރޭޓްގެ ވިޔަފާރި ކުރާ ފަރާތްތަކުގެ މައުލޫމާތެއް، އެއްވެސް ފަރާތަކަށް އެނގޭ ކަމަށްވާނަމަ، މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9911099 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.

މައްސަލައިގައި މިހާތަނަށް ހައްޔަރުކުރި މީހުން

  1. އަހުމަދު އާރިފް (61އ)، މއ.އެވަރގްލޯރީ، ކ.މާލެ، ހައްޔަރުކުރީ: 15 އޮކްޓޯބަރު 2025 ގައި، އަހުމަދު އާރިފް (އާއްޓޭ) އަކީ ލޮޓަސް ފިހާރަތަކުގެ ވެރިޔާ.
  2. މުހައްމަދު ވަހީދު (65އ)، ދިގަލި/ބ.އޭދަފުށީ، ހައްޔަރުކުރީ: 15 އޮކްޓޯބަރު 2025 ގައި، މުހައްމަދު ވަހީދު (ދިގަލި) އަކީ އެޕޯލޯ ކުންފުނީގެ ވެރިޔާ.
  3. މުއާޒު އަލީ (48އ)، ހ.ނިއު ހެޕިނެސް/މާލެ، ހައްޔަރުކުރީ: 15 އޮކްޓޯބަރު 2025 ގައި، ކަސްޓަމްސްގެ ކުރީގެ ވެރިއެއް.
  4. ޒިވާރު އިސްމާއިލް (40އ)، މެދުރީގެ/ހދ. ވައިކަރަދޫ، ހައްޔަރުކުރީ: 15 އޮކްޓޯބަރު 2025 ގައި، ކަސްޓަމްސްގެ އިސް އޮފިސަރެއް
  5. ޙަސަން ޢަބްދުއްރަޙްމާން (52އ)، ލިންކް/ކ.ތުލުސްދޫ، ހައްޔަރުކުރީ: 21 އޮކްޓޯބަރު 2025 ގައި،
  6. އާދަމް ވަޙީދު (54އ)، ކެނެރީގެ/ނ.މިލަދޫ، ހައްޔަރުކުރީ: 23 އޮކްޓޯބަރު 2025 ގައި،
  7. އަޙްމަދު ޝަހީމް (42އ) ނޫރަލީގެ/ހދ.ވައިކަރަދޫ، ހައްޔަރުކުރީ: 24 އޮކްޓޯބަރު 2025 ގައި،
  8. ޙުސައިން ސާމިޙު (35އ) ޗާނދަނީގެ/ސ.ހިތަދޫ، ހައްޔަރުކުރީ: 24 އޮކްޓޯބަރު 2025 ގައި،
  9. އަޙްމަދު ފިރުސާން (35އ) ހ. ރުމޭނިޔާ/މާލެ، ހައްޔަރުކުރީ: 24 އޮކްޓޯބަރު 2025 ގައި،