މިދިޔަ އަހަރުގެ އޭޕްރީލް މަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ހިފެހެއްޓި 13.6 މިލިއަން ސިނގިރޭޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައާ ގުޅިގެން އިތުރު ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނިގޮތުގައި މި ތިން މީހުން ހައްޔަރުކޮށްފައިވަނީ 24 އޮކްޓޯބަރ 2025 ވަނަ ދުވަހުގެ ވަގުތެއްގައެވެ.
ޙައްޔަރުކުރި މީހުން
މި މައްސަލައާ ގުޅިގެން ފަހުން ޙައްޔަރުކުރި ތިން މީހުންނަކީ،
އަޙްމަދު ޝަހީމް (42އ) ނޫރަލީގެ / ހދ.ވައިކަރަދޫ،
ޙުސައިން ސާމިޙު (35އ) ޗާނދަނީގެ / ސ.ހިތަދޫ،
އަޙްމަދު ފިރުސާން (35އ) ހ. ރުމޭނިޔާ / މާލެ، އެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އަޙްމަދު ޝަހީމް އާއި ޙުސައިން ސާމިޙު 7 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް އަމުރުކުރިއިރު، އަޙްމަދު ފިރުސާން 5 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ދިގަލި ޝަރީޢަތް ނިމެންދެން ބަންދު
މީގެ އިތުރުން، މި މައްސަލައިގައި ކުރިން ހައްޔަރުކޮށްފައިވާ އެއް ވިޔަފާރިވެރިޔާ މުޙައްމަދު ވަޙީދު (ދިގަލި) ބަންދާމެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް ކޯޓަށް ހާޟިރުކުރުމުން ޝަރީޢަތް ނިމެންދެން އޭނާ ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
މައްސަލައިގައި މިހާތަނަށް ހައްޔަރުކުރި މީހުން
- އަހުމަދު އާރިފް (61އ)، މއ.އެވަރގްލޯރީ، ކ.މާލެ، ހައްޔަރުކުރީ: 15 އޮކްޓޯބަރު 2025 ގައި، އަހުމަދު އާރިފް (އާއްޓޭ) އަކީ ލޮޓަސް ފިހާރަތަކުގެ ވެރިޔާ.
- މުހައްމަދު ވަހީދު (65އ)، ދިގަލި/ބ.އޭދަފުށީ، ހައްޔަރުކުރީ: 15 އޮކްޓޯބަރު 2025 ގައި، މުހައްމަދު ވަހީދު (ދިގަލި) އަކީ އެޕޯލޯ ކުންފުނީގެ ވެރިޔާ.
- މުއާޒު އަލީ (48އ)، ހ.ނިއު ހެޕިނެސް/މާލެ، ހައްޔަރުކުރީ: 15 އޮކްޓޯބަރު 2025 ގައި، ކަސްޓަމްސްގެ ކުރީގެ ވެރިއެއް.
- ޒިވާރު އިސްމާއިލް (40އ)، މެދުރީގެ/ހދ. ވައިކަރަދޫ، ހައްޔަރުކުރީ: 15 އޮކްޓޯބަރު 2025 ގައި، ކަސްޓަމްސްގެ އިސް އޮފިސަރެއް
- ޙަސަން ޢަބްދުއްރަޙްމާން (52އ)، ލިންކް/ކ.ތުލުސްދޫ، ހައްޔަރުކުރީ: 21 އޮކްޓޯބަރު 2025 ގައި،
- އާދަމް ވަޙީދު (54އ)، ކެނެރީގެ/ނ.މިލަދޫ، ހައްޔަރުކުރީ: 23 އޮކްޓޯބަރު 2025 ގައި،
- އަޙްމަދު ޝަހީމް (42އ) ނޫރަލީގެ/ހދ.ވައިކަރަދޫ، ހައްޔަރުކުރީ: 24 އޮކްޓޯބަރު 2025 ގައި،
- ޙުސައިން ސާމިޙު (35އ) ޗާނދަނީގެ/ސ.ހިތަދޫ، ހައްޔަރުކުރީ: 24 އޮކްޓޯބަރު 2025 ގައި،
- އަޙްމަދު ފިރުސާން (35އ) ހ. ރުމޭނިޔާ/މާލެ، ހައްޔަރުކުރީ: 24 އޮކްޓޯބަރު 2025 ގައި،
މީގެ ތެރެއިން އަހުމަދު އާރިފް (އާއްޓޭ) އަކީ ލޮޓަސް ފިހާރަތަކުގެ ވެރިޔާއެވެ. އަދި މުހައްމަދު ވަހީދު (ދިގަލި) އަކީ މިއަދު ޝަރީޢަތް ނިމެންދެން ބަންދުކުރި އެޕޯލޯ ކުންފުނީގެ ވެރިޔާ އެވެ.
މި މައްސަލާގައި 12 މީހެއް ފުރުން މަނާކޮށްފައިވާއިރު، މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، 19 އޮކްޓޯބަރ 2025 ވަނަ ދުވަހު ތިލަފުށީގައި ހިނގި ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއްގައި ތިލަފުށީގެ ގިނަ ސައިޓްތަކެއް ބަލައި ފާސްކޮށްފައި، މި އޮޕަރޭޝަންގެ ތެރެއިން، ވަގަށް ނަގާފައިވާ 2 ކޮންޓެއިނަރުގެ ބައިތައް ހޯދައި އެތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި ސިނގިރޭޓްތަކަކީ ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި ރާއްޖެ އަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު ކަސްޓަމްސް އިން ހިފެހެއްޓި ތަކެއްޗެވެ. މި ސިނގިރޭޓްތައް ގެއްލިފައިވާކަން ކަސްޓަމްސް އަށް އެނގިފައިވަނީ އޮކްޓޯބަރު 8 ވީ ބުދަ ދުވަހުގެ ރޭގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!