ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ "ތިލައުތުރު ފުޓްސަލް މުބާރާތް 2025" ވަށަފަރާއި ފިއްލަދޫ ބައްދަލުކުރި މެޗުން ދެ ޓީމު އެއްވަރުވެ، ކެލާ އާއި ބާރަށް ބައްދަލުކުރި މެޗުން ކެލާ ބަލިވެއްޖެއެވެ.
މިއަހަރު ހއ. އުތީމުގައި ކުރިއަށްގެންދާ މި މުބާރާތް މިއަދު ހަވީރު ފަށާފައިވާއިރު، މިރޭގެ ފުރަތަމަ މެޗުގައި ވާދަކުރި ވަށަފަރު ޓީމާއި ފިއްލަދޫ ޓީމު އެއްވަރުވެފައިވަނީ 2-2 ގެ ނަތީޖާއަކުންނެވެ. ވާދަވެރިކުޅުމެއް ދެ ޓީމުންވެސް ދައްކައި، އެ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގައި ވަށަފަރުންނެވެ.
މިރޭ ވަށަފަރާއި ފިއްލަދޫ ބައްދަލުކުރި މެޗުގެ 'މޭން އޮފް ދަ މެޗް' އަށް ހޮވިފައިވަނީ ވަށަފަރު ޓީމުގެ ކުޅުންތެރިޔާ އަބްދުالله ސިނާން އެވެ.
މީގެ އިތުރުން މިރޭ ކެލާ އަދި ބާރަށް ބައްދަލުކުރި މެޗުން 1-0 ގެ ނަތީޖާއަކުން ކެލާ ޓީމު ކައިރިން، ބާރަށް ކުރިހޯދާފައިވާއިރު، މި މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެ ޓީމަށް ވެސް ލަނޑެއް ނުޖެހިއެވެ. އެހެންނަމަވެސް މެޗު ނިމެން ބާކީ 2 މިނެޓް 12 ސިކުންތައް ވެފައި ވަނިކޮށް ލަނޑެއް ކާމިޔާބުކޮށްފައިވަނީ ބާރަށު ޓީމުގެ ކުޅުންތެރިޔާ އަބްދުالله މިސްބާހު އެވެ.
މިރޭ ކެލާ އާއި ބާރަށް ބައްދަލުކުރި މެޗުގެ 'މޭން އޮފް ދަ މެޗް' އަށް ހޮވިފައިވަނީ ބާރަށު ޓީމުގެ ކުޅުންތެރިޔާ އަބްދުالله މާއިޒް އެވެ.
މިއަދު ހަވީރު ބޭއްވި މި މުބާރާތުގެ ފުރަތަމަ މެޗުން އިހަވަންދޫ އާއި އުތީމު ވަނީ އެއްވަރުވެފައެވެ. އަދި މުބާރާތުގެ ދެވަނަ މެޗުގައި ދިއްދޫ އާއި މުރައިދޫ ބައްދަލުކޮށް 1-2 ގެ ނަތީޖާ އަކުން ދިއްދޫ ވަނީ މެޗު ކާމިޔާބުކޮށްފައެވެ.
މި މުބާރާތުގައި މާދަމާ ހަވީރު ވާދަކުރުމަށް ހަމަޖެހިފައިވަނީ މުރައިދޫ އަދި ބާރަށެވެ. އަދި ހަވީރު ކުޅޭ ދެވަނަ މެޗުގައި އުތީމު އަދި ވަށަފަރު ބައްދަލުކުރާއި، ރޭގަނޑުގެ ދެވަނަ މެޗުގައި ދިއްދޫ އަދި ކެލާ ވާދަކުރާނެއެވެ. އަދި މާދަމާ ރޭގެ ދެވަނަ މެޗުގައި ހޯރަފުއްޓާއި އިހަވަންދޫ ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!