ކުޅުދުއްފުށި ސިޓީގައި "ކްލައިމެޓް ޗޭންޖް އެންޑް ހިޔުމަން މޮބިލިޓީ ޕްރޮޖެކްޓް" ގެ ދަށުން ވޯކްޝޮޕެއް އިއްޔެ ކުރިއަށް ގެންގޮސްފިއެވެ.
އެގޮތުން މި ވޯކްޝޮޕަކީ، އިންޓަރނޭޝަނަލް އޯރގަނައިޒޭޝަން ފޯރ މައިގްރޭޝަން (އައި.އޯ.އެމް) އިން މޯލްޑިވްސްގެ ފަރާތުން ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ގުޅިގެން ކުރިއަށް ގެންދިޔަ 1 ދުވަހުގެ ވޯރކްޝޮޕެކެވެ.
ސިޓީ ކައުންސިލުން ބުނެފައިވަނީ މި ވޯރކްޝޮޕްގެ މަޤްޞަދަކީ، އެ ޖަމިއްޔާއިން ތައްޔާރުކޮށްފައިވާ ބޭސްލައިން ދިރާސާގެ ހޯދުންތައް ހިއްސާކުރުމާއި، ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކާއި، އެއާއި ގުޅިގެން މީހުން އެއްތަނުން އަނެއްތަނަށް ހިޖުރަކުރަމުން އަންނަ ގޮތްތަކާއި، ކުދި ޖަޒީރާ ޤައުމުތަކަށް އެކަންކަމުގެ ހުރި މުހިއްމުކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ކަމަށެވެ.
މީގެ އިތުރުން މި ވޯކްޝޮޕުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުމުން ރައްކާތެރިވުމަށްޓަކައި ކުރިއާލައި ރޭވިގެން މީހުން ރީލޮކޭޓްކުރުމާއި ރީސެޓްލްވުމުގެ މުހިއްމުކަމާއި ބެހޭގޮތުން މަޝްވަރާކޮށްފައިވާކަމަށްވެސް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
މި ވޯކްޝޮޕްގައި ކުޅުދުއްފުށީގެ މުއައްސަސާތަކުގައި މަސައްކަތްކުރާ ދިވެހި އަދި ބިދޭސީ މަސައްކަތްތެރިންނާއި އާންމުން ހިމެނޭހެން ޖުމްލަ 17 ފަރާތަކުން ބައިވެރިވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!