ބިދޭސީ މުވައްޒަފުންނަށް ބޭރަށް ފައިސާ ފޮނުވޭ އަދަދު، ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި ތިން ފަހަރަށް ތިރިކޮށް، 500 ޑޮލަރުން 150 ޑޮލަރަށް ކުޑަވުމާ ގުޅިގެން ކުޅުދުއްފުށީ ސިޓީގެ ސްކޫލްތަކާއި ހޮސްޕިޓަލުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް އާއި ބައްދަލުކޮށް ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ބިދޭސީ މުވައްޒަފުންގެ ވާހަކަ އަޑުއެއްސެވުމަށްފަހު ބޭރު ފައިސާ ފޮނުވޭ ވަރު ދަށްކުރިކުރުމާމެދު ކަންބޮޑުވުން ފާޅުކޮށް މޭޔަރ ޢާޠިފް މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނިމިދިޔަ ހަފްތާގައި އެ ސިޓީގެ ސްކޫލްތަކާއި ހޮސްޕިޓަލްގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ޓީމެއް އޭނާ އާއި ބައްދަލުކުރައްވައި، މިކަމުގެ ސަބަބުން ކުރިމަތިވެފައިވާ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ކަމަށެވެ.
މިގޮތުން އެ ފަރާތްތަކުން ފާޅުކުރި މައިގަނޑު ކަންބުޑުވުމަކީ، އާއިލާތަކަށް އެހީތެރިވުމަށާއި، ޤައުމުގައި އަދާކުންޖެހޭ ދަރަނިތަކާއި އެހެނިހެން ޚަރަދުތަކަށް ބޭނުންވާ ފައިސާ ރާއްޖެއިން ބޭރަށް ނުފޮނުވޭނަމަ ރާއްޖޭގައި މަސައްކަތް ކުރުމަކީ ދަތި އުނދަގޫ ކަމަކަށް ވާނެކަމަށެވެ. އަދި މިކަމަށް ހައްލެއް ހޯދުމަށް ކަމާ ގުޅުންހުރި ފަރާތްތަކުގައި ދަންނަވައިގެން މަސައްކަތްކޮށްދިނުމަށް އެދިފައިވާކަމަށް މޭޔަރ ޢާޠިފް ހާމަކުރައްވާފައިވެއެވެ.
''ރާއްޖޭގެ އިޤްތިސާދު ހީނަރުވެ ޑޮލަރު ލިބުން ދަތިވެފައިވާ މި ދަނޑިވަޅުގައި، ބިދޭސީ މުވައްޒަފުންނަށް އިތުރަށް ދަތިވެގެން ދިޔައީ ލިބޭ އުޖޫރައިގެ ތެރެއިން އެބޭފުޅުންގެ ޢާއިލާތަކަށް އެސް.ބީ.އައި މެދުވެރިކޮށް ފައިސާ ފޮނުވުމަށް އޮތް 500 ޑޮލަރުގެ ލިމިޓް، މީގެ ހަތަރު މަސް ކުރިން 400 ޑޮލަރަށް ކުޑަކޮށްފައި އޮއްވާ އަނެއްކާ މިހާރު އެ އަދަދު ޖުމްލަ 150 ޑޮލަރަށް ކުޑަވެގެން ދިއުން.'' ސަރުކާރުގެ ސިޔާސަތަށް ފާޑުވިދާޅުވެ މޭޔަރ ޢާޠިފް ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
މި މައްސަލަ އަކީ ރާއްޖޭގެ ސިއްހީ އަދި ތައުލީމީ ދާއިރާތަކަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ބިދޭސީ މަސައްކަތްތެރިންނަށް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެއްކަމަށާއި، ދިވެހިރާއްޖޭގައި މި މަގާމުތައް ފުރޭވަރަށް މި ދާއިރާތަކުން އިންސާނީ ވަސީލަތް ބިނާވެފައި ނެތުމުގެ ސަބަބުން، މި ދާއިރާތަކުގެ ހިދުމަތަށް އެއްވެސް ބުރޫއެއް އެރުމަކީ މިވަގުތު ބަރުދާސްތުކުރެވޭނެ ކަމެއް ނޫން ކަމަށް މޭޔަރ ޢާޠިފް ވިދާޅުވެފަވެއެވެ.
އެހެންކަމުން މޭޔަރ ވަނީ މުވައްޒަފުންގެ ކަންބޮޑުވުން އަޑުއައްސަވައި، މި މައްސަލައަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރާއި ގުޅުންހުރި މުއައްސަސާތަކަށް ގޮވާލައްވާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!