ކުޅުދުއްފުށި ސިޓީގެ ތިން ސްކޫލަށް ސައިބަރ ސެކިއުރިޓީއާއި ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދީފިއެވެ.

"އެކުވެރި ފުލުހުންގެ ހަރަކާތް" ގެ ނަމުގައި އިއްޔެ ކުރިއަށް ގެންދިޔަ މި ހަރަކާތަކީ އިންޓަނޭޝަނަލް ސައިބަރ ސެކިއުރިޓީ މަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެކެވެ.

Ad
rt

މިގޮތުން ޖަލާލުއްދީން ސްކޫލާއި، އަފީފުއްދީން ސްކޫލް އަދި ހދ. އަތޮޅު ތައުލީމީ މަރުކަޒު ހިމެނޭހެން މި ތިން ސްކޫލުގެ ދަރިވަރުންނަށް ސައިބަރ ސެކިއުރިޓީއާއި ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވަނީ އެސެމްބްލީ ވަގުތު އެވެ.

މި ހަރަކާތުގެ ދަށުން ދަރިވަރުންނަށް ވަނީ ސައިބަރ ކްރައިމް ގެ މައްސަލަތަކުން އަރައިގަތުމަށާއި އެކަމުން ރައްކާތެރިވެ ތިބުމަށް އަޅަން ޖެހޭ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާކޮށްފައެވެ.

މީގެ ތެރެއިން، ހުރިހާ އޮންލައިން އެކައުންޓްތަކުގެ ސެކިއުރިޓީ ވަރުގަދަކޮށް ތަފާތު ޕާސްވޯޑު ބޭނުންކުރުމަށާއި، ޓޫ ފެކްޓަރ އޯޓެންޓިފިކޭޝަން ބޭނުންކުރުމަށާއި، ސޮފްޓްވެއަރ އަޕްޑޭޓްކޮށް، ފިޝިންގް މަސައްކަތްތަކަށް ސަމާލުވެ، ނޭނގޭ ޔޫއެސްބީ ޑިވައިސްތަކުން ދުރުހެލިވެ ތިބުމަށް ހޭލުންތެރިކުރުވާފައިވެއެވެ.

ފުލުހުން ދަނީ މުއައްސަސާތަކުގެ މުވައްޒަފުންނަށާއި، ސްކޫލްތަކުގެ ދަރިވަރުން ސައިބަރ ކްރައިމްގެ މައްސަލަތަކަށް ހޭލުންތެރިކުރުމަށް މި ހަރަކާތް ރާއްޖޭގެ އެކި ރަށްރަށުގައި ބާއްވަމުންނެވެ.