ހއ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ "ތިލައުތުރު ފުޓްސަލް މުބާރާތް 2025" ގެ ގުރުއަތުލުން މިރޭ ބާއްވައިފިއެވެ.
އުތީމުގައި ކުޅޭ މި މުބާރާތުގެ ގުރުއަތުލުން މިރޭ ކުރިއަށް ގެންގޮސްފައި ވަނީ އެކަަމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެެއްގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހއ.އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤް ވަނީ މި މުބާރާތުގެ އެއް މަގްސަދަކީ އެއްރަށް އަނެއް ރަށާއި ގުޅުން ބަދަހިކުރުންކަން ފާހަގަކުރަށްވައި، އެކަން ހާސިލްވަމުން އަންނަކަން ވަނީ ފާހަގަކުރަށްވާފައެވެ. އަދި މިފަދަ މުބާރާތަކުން އަތޮޅުގެ އިގްތިސާދަށް ހެޔޮ އަސަރުކޮށް މުބާރާތް ބާއްވާ ރަށަށް ފައިދާތަކެއް ލިބިގެންދާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވާދަވެރި މުބާރާތްތަކަށް ޖާގަދީ ފުރުސަތު ދިނުމުން އެ މުބާރާތްތަކުގައި ކުޅެފައިވާ އަތޮޅުގެ ދަރީން މިއަދު ގައުމީ ލެވެލްގައި ފެންނަމުންދާކަމަށް އަތޮޅު ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.
މި ރަސްމިއްޔާތުގައި މުބާރާތް ހޯސްޓް ކުރާ ރަށް ކަމަށްވާ އުތީމުގެ ރައީސް އަބުދުﷲ ރަޝީދު ދެއްކެވި ވާހަކާގައި ވަނީ މުބާރާތުގެ ހުރިހާ ބައިވެރިންނާއި ސަޕޯޓަރުން ވެސް ކުޅިވަރުގެ ރޫހާ އެއްގޮތަށް ޢަމަލުތައް ބަހައްޓައިދިނުމަށް އެދިފައެވެ. އަދި ޚާއްޞަކޮށް އޭނާ ވަނީ މެޗުތައް ކުޅޭއިރު ސަޕޯޓް ކުރުމުގައި ވެސް ކުޅިވަރުގެ ރޫހާއެއްގޮތް މިންގަނޑު ހިފައިހައްޓައި ދިނުމަށް އިލްތިމާސްކުރަށްވާފައެވެ.
''އަޅުގަނޑު ތި އެންމެ ބޭފުޅުން ކިބައިން ވެސް އެދެނީ މިއީ ފުލުހުންނަށް އަޅުގަނޑުމެން ފަހަތުން ދުވަން ނުޖެހޭ މުބާރާތަކަށް ހަދައިދިނުމަށް، އަމާން އޮމާން ކަމާއެކު މުބާރާތް ނިންމާލުމަށް ހުރިހާ ބޭފުޅުން ވެސް އެއްބާރުލުން ދިނުމަށް، އެކަން ކޮށްދެވޭނީ ތި ބޭފުޅުންނަށް، އަޅުގަނޑުގެ އުންމީދަކީ މިއީ އެއްވެސް މައްސަލައެއް ނުނިކުންނަ، އެންމެންގެ އެއްބާރުލުމާއެކު ނިންމާލެވޭނެ މުބާރާތަކަށްވުން'' ޢަބުދުﷲ ރަޝީދު ވިދާޅުވެފައެވެ.
މިރޭ ނެގި ގުރުއަތުގައި ޓީމުތައް ބަހާފައި ވަނީ ދެ ގްރޫޕަކަށެވެ. މިގޮތުން އޭ ގްރޫޕްގައި ހިމެނެނީ އުތީމު، އިހަވަންދޫ، ވަށަފަރު، ފިއްލަދޫ އަދި ހޯރަފުއްޓެވެ. ގްރޫޕް ބީގައި ހިމެނެނީ ދިއްދޫ، މުރައިދޫ، ކެލާ އަދި ބާރަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!