ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އިސްރާއީލުގެ ތެރޭގައި ދާއިމީ އެމްބަސީއެއް ގާއިމުކުރުމަށްޓަކައި ބިމެއް ގަނެފައިވާ ކަމަށް އިސްރާއީލުގެ މީޑިއާ ރިޕޯޓުތަކާއި ހަވާލާދީ ބައިނަލްއަގްވާމީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ޔޫއޭއީ އަށް މި ބިން ގަތުމުގައި ފަލަސްތީނުގެ ބިންތައް ފޭރިގަނެ އިސްރާއީލޭ ކިޔުނު ދައުލަތެއް ގާއިމުކޮށްގެންތިބި ޔަހޫދީންގެ ގައުމު، އިސްރާއީލު ލޭންޑް އޮތޯރިޓީ އާއި ހައްދުފަހަނައަޅާފައިވާ އެމީހުންގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫގެ އޮފީހުގެ އެހީތެރިކަން ލިބިފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

Ad
rt

އިސްރާއީލުގެ ކޭއޭއެން ބްރޯޑްކާސްޓަރުން ހޮނިހިރު ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ބިން ގަތުމުގެ ޑީލުގެ އަގަކީ ތިން މިލިއަން ޑޮލަރަށްވުރެ މަތީ އަދަދެކެވެ.

މިކަން ހިނގާފައި މިވަނީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައާ މެދު ދުނިޔޭގެ ފާޑުކިޔުންތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އިސްރާއީލް މީޑިއާއިން މިކަން ސިފަކޮށްފައި ވަނީ ''އަބްރަހަމް އެކޯޑްސް''ގެ ދަށުން އުފެދުނު ގުޅުންތަކުގެ އައު މަރުހަލާއެއްގެ ނިޝާނެއް ކަމަށް ވަނީ ސިފަކޮށްފައެވެ. ''އަބްރަހަމް އެކޯޑްސް' އެއްބަސްވުންތަކަކީ 2020 ވަނަ އަހަރުން ފެށިގެން އިސްރާއީލާއި އަރަބި ބައެއް ގައުމުތަކާ ދެމެދު ޑިޕްލޮމެޓިކް ނޯމަލައިޒޭޝަން ގާއިމްކުރި ސިލްސިލާ އެއްބަސްވުންތަކެކެވެ.

އެމްބަސީގެ އައު އިމާރާތް ނުވަތަ 2020 ވަނަ އަހަރުން ފެށިގެން ކުއްޔަށް ހިފާފައިވާ މިހާރުގެ އިމާރާތް ހުރިތަނުން އައު ތަނަށް ބަދަލުވާނެ ތާރީޚެއް ރިޕޯޓުތަކުގައި ފާހަގަކޮށްފައިނުވާއިރު، ޔޫއޭއީގެ ފޮރިން މިނިސްޓްރީން މިހާރު އެމްބަސީ ހުރި ތަނަކަށް ލިސްޓުކޮށްފައިވަނީ ޓެލް އަވީވްގައެވެ. އެތަނުގައި އެމްބަސީއެއް ގާއިމުކުރުމަށް ޔޫއޭއީގެ ކެބިނެޓުން ފުރަތަމަ ފާސްކުރީ 2021 ވަނަ އަހަރުގެ ޖަނަވަރީ މަހުގައެވެ.

މިރިޕޯޓާ ގުޅޭގޮތުން އިސްރާއީލު އަދި ޔޫއޭއީގެ އިސްވެރިންގެ ފަރާތުން މިހާތަނަށް އެއްވެސް ރަސްމީ ބަހެއް ބުނަފައެއް ނުވެއެވެ.

ޣައްޒާގެ ހަނގުރާމައާއި އޭގެ އެލައިންތަކުގެ ބައިވެރިވުމާ މެދު އަރަބި އަދި ހުޅަނގުގެ ދުނިޔޭގައި ފުޅާ ދާއިރާއެއްގައި އޮތް ކަންބޮޑުވުންތަކާ އެކުގައިވެސް ޔޫއޭއީ އާއި އިސްރާއީލުގެ ގުޅުންތައް ވިޔަފާރި، ފަތުރުވެރިކަން އަދި ޓެކްނޮލޮޖީގެ ދާއިރާތަކުގައި މިހާރުވެސް ކުރިއަށް ދެއެވެ. ނަމަވެސް، އިސްރާއީލުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ފަލަސްތީނުގެ އެންކްލޭވް (ޣައްޒާ) ގައި ހިންގަމުންދާ ހަނގުރާމައާ ގުޅިގެން، އަބޫދާބީން ވަނީ އެ ޢަމަލުތަކާ މެދު ކޮންމެވެސް ވަރަކަށް ފާޑުކިޔާފައެވެ. ޔޫއޭއީގެ ފޮރިން މިނިސްޓްރީން ސެޕްޓެމްބަރު މަހު އިންޒާރުދީފައިވަނީ ނަތަންޔާހޫގެ ސަރުކާރުން ވެސްޓް ބޭންކުގެ ބައެއް ނުވަތަ މުޅި ވެސްޓް ބޭންކު އެނެކްސްކުރުމަށް އެއްވެސް ފިޔަވަޅެއް އެޅުމަކީ "ރަތް ރޮނގެއް" ކަމަށެވެ. އެފަދަ ކަމެއް ކޮށްފިނަމަ އަބްރަހަމް އެކޯޑްސްއަށް ނުރައްކާވެ، ސަރަހައްދީ އިންޓެގްރޭޝަނަށް މަސައްކަތްކުރާ ކަންތައްތަކަށް ބުރޫ އަރާނެކަމަށްވެސް ޔޫއޭއީން ވަނީ ބުނެފައެވެ.