މި ސަރުކާރަށް ފުނަދޫގެ ރައްޔިތުންގެ ތާއީދު އޮތްކަން އެ ރަށްޔިތުން ވަނީ ސާބިތުކޮށްދީފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫޙް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި މަހު 15 ވަނަ ދުވަހު (ބުދަ) ފުނަދޫ އަށް ވަޑައިގެންފައެވެ. މި ދަތުރުފުޅާއި ގުޅުވައި މެމްބަރު މަމްދޫހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރަކީ ފުނަދޫގެ ލޮބުވެތި ރައްޔިތުންގެ ފުރިހަމަ ތާއީދާއި އިތުބާރު އޮތް ސަރުކާރެއްކަން، ފުނަދޫގެ ރައްޔިތުން ސާބިތުކޮށްދީފައިވާ ކަމަށެވެ.
މެންބަރު މަމްދޫޙް ވިދާޅުވެފައިވާ ގޮތުގައި ދުވަހަކުވެސް އެއްވެސް ސަރުކާރަކުން ފުނަދޫގެ ތަރައްޤީއަށް ނުކުރާހާ ގިނަ މަސައްކަތްތަކެއް، މި ސަރުކާރުގެ ދައުރު ދެބައި ނުވަނީސް އެކި ދަރަޖައިގައި ވަނީ ފަށާފައެވެ.
މީގެ ތެރޭގައި އަމަލީ މަސައްކަތްތައް ފަށައި ނިންމާފައިވާ މަޝްރޫޢުތަކާއި، އަމަލީ މަސައްކަތް ފަށައިގެން ކުރިއަށްދާ މަޝްރޫޢުތަކާއި، ސޮއިކުރެވުނު މުހިންމު ގިނަ މަޝްރޫޢުތައް ހިމެނޭ ކަމަށް ވިދާޅުވިއެވެ.
ފުނަދޫގެ ރައްޔިތުން ނުކުމެ މުޅި ފުނަދޫ ޤައުމީ ކުލަތަކުން ޖަރީކޮށް، މުޅި ރާއްޖެއަށް މިކަން ވަނީ ސާބިތުކޮށްދީފައި ކަމަށް ވެސް މެންބަރު މަމްދޫޙް ވަނީ ވިދާޅުވެފައެވެ.
ރައީސް، @MMuizzu ގެ މިސަރުކާރަކީ، ފުނަދޫގެ ލޮބުވެތި ރައްޔިތުންގެ ފުރިހަމަ ތާއީދާއި އިތުބާރު އޮތް ސަރުކާރެއްކަން، ފުނަދޫގެ ލޮބުވެތި ރައްޔިތުންމިވަނީ ސާބިތުކޮށްދީފައި.
ދުވަހަކު، ސަރުކާރަކުން، ފުނަދޫގެ ތަރައްގީއަށް، ނުކުރާހާ ގިނަ މަސައްކަތްތައް، ދައުރު ދެބައިނުވަނީސް މިވަނީ އެކި… pic.twitter.com/T4JjqarTmA
— Mohamed Mamdooh (@Mamdooh_Yoonus) October 17, 2025
ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި ފުނަދޫ ގައި ގައުމީ ޔުނިވާސިޓީގެ ކެމްޕަހެއް އެޅުމަށާއި، ހޮސްޕިޓަލްގެ އައު އިމާރަތަކާއި، ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި އަދި އެ ރަށު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ވަނީ ހަވާލުކޮށްފައެވެ.
މީގެ އިތުރުން ފުނަދޫ އެއާޕޯޓު އިތުރަށް ތަރައްގީކޮށް ޚިދުމަތް ފުޅާ ކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި ހަވާލުކޮށް، އެރަށުގައި ސްޕޯޓްސް ކޮމްޕްލެސް އެއް އަޅަން އެ ކުންފުންޏާއި ހަވާލުކުރުމާއި. އެރަށުގައި އިސްލާމީ މަރުކަޒެއް ބިނާ ކުރުމަށް ވަނީ ނޫރައްދީން އިންވެސްޓްމަންޓާއި ހަވާލުކޮށްފައެވެ.
ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ފުނަދޫގައި ގާއިމުކޮށްފައިވާ އައިސްޕްލާންޓް ވެސް ހުޅުވައިދެއްވާފައިވާއިރު، އެރަށުގެ ކުނި މެނޭޖުކުރުމުގެ މަސައްކަތްވަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި ހަވާލުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!