'މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓް' ނަމުގައި ފޭސްބުކްގައި އޮޅުވާލުމަށް ހަދާފައިވާ ފޭކު ޕޭޖަކުން ހިންގަމުންދާ އިޖްތިމާޢީ މީޑިއާގެ މަކަރެއް (ސްކޭމެއް)ގެ މައްޗަށް އާންމުން ސަމާލުވުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އިލްތިމާސްކޮށްފިއެވެ.
މި ދޮގު ޕޭޖުން ދަނީ އެމްޓީސީސީގެ އާރް.ޓީ.އެލް ދަތުރުތަކަށް، ކުޑަ އަގެއްގައި 6 މަސްދުވަހުގެ މުއްދަތަށް ދަތުރުކުރެވޭ 'ސްމާޓް ކާޑެއް' ލިބޭނެ ކަމަށް ބުނެ ދޮގު މަޢުލޫމާތު ފަތުރަމުންނެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، މި ޕޭޖާ އެ ކުންފުންޏާ އެއްވެސް ގުޅުމެއް ނެތެވެ. އަދި މިފަދަ އެއްވެސް ޚިދުމަތެއް އެމްޓީސީސީން ހުށަހަޅާފައި ނުވާކަމަށް ވެސް ވަނީ ބުނެފައެވެ. މިގޮތަށް ދޮގު މަޢުލޫމާތު ފަތުރައި، އާރް.ޓީ.އެލްގެ ޚިދުމަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުގެ މާލީ އަދި އަމިއްލަ މަޢުލޫމާތު ހޯދުމުގެ މަޤްސަދުގައި މިފަދަ މަކަރުވެރި ޢަމަލުތައް ހިންގަމުންދާ ކަމަށް އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ.
އެމްޓީސީސީން ވަނީ އެ ކުންފުނީގެ ޚިދުމަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ހޯދާއިރު އަބަދުވެސް އެމްޓީސީސީގެ ރަސްމީ ޗެނަލްތައް ކަމަށްވާ އެ ކުންފުނީގެ ވެބްސައިޓް، ރަސްމީ ފޭސްބުކް ޕޭޖު، ނުވަތަ އެހެނިހެން ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުތަކުން މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން، ޝައްކުވާފަދަ ލިންކުތަކުން ދުރުހެލިވުމަށާއި، އެމީހެއްގެ އަމިއްލަ މަޢުލޫމާތު ނުވަތަ މުޢާމަލާތުގެ ތަފްޞީލުތައް ޞައްޙަކަން ކަށަވަރު ނުކުރެވޭ ފަރާތްތަކާ ހިއްސާނުކުރުމަށް ވެސް އެމްޓީސީސީން ވަނީ ނަސޭހަތްތެރިވެފައެވެ.
މިފަދަ ސްކޭމްތަކުން ދިމާވެދާނެ ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެމްޓީސީސީން ދަނީ އިތުރަށް ހަނދާންކޮށްދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!