މިއަދުގެ ހުކުރު ހުތުބާގައި، މާތް ﷲ އިންސާނާއަށް ދެއްވި މުދަލަކީ ޙުރުމަތްތެރިވެގެންވާ އެއްޗެއްކަމާއި، އެއްވެސް މީހަކު އަނެކާގެ މުދަލަށް ޙައްޤަކާނުލައި އަރައިގަތުމަކީ އިސްލާމް ދީނުގައި ޙަރާމްކުރައްވައިފައިވާ ކަމެއްކަން ހަނދާންކޮށްދީފިއެވެ.
މި ހުތުބާގައި ވަނީ ޙަލާލު ގޮތުގައި މުދާ ހޯދުމުގެ މުހިންމުކަމާއި، ޙަރާމް ގޮތުގައި މުދާ ހޯދުމުގެ ނުރައްކާތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ.
"މުދަލުގެ ޙުރުމަތް" މި މައުޟޫއަށް ގެނެސްދިން މިއަދުގެ ޚުޠުބާގައި ފާހަގަކުރައްވާފައި ވަނީ، މުސްލިމް އަޚުންނަށްޓަކައި މާތް ﷲ ރިޒުޤު ކަނޑައަޅުއްވައިފައިވާނެ ކަމާއި، އެ ރިޒުޤު ފުރިހަމަވުމުގެ ކުރިން އެއްވެސް އިންސާނަކު އޭނާގެ އަޖަލާ ބައްދަލެއް ނުކުރާނެ ކަމަށެވެ. މިކަމުގެ މައްޗަށް ބާރުއަޅުއްވަމުން ރަސޫލު ﷲ صلى الله عليه وسلم ޙަދޘްކުރައްވައިފައިވާ ބަސްފުޅެއް ހުތުބާގައި ހިމަނާފައިވެއެވެ. އެ ޙަދީޘްގެ މާނައިގައި ވެއެވެ. "އޭ މީސްތަކުންނޭވެ! ތިޔަބައިމީހުން މާތް ﷲއަށް ތަޤުވާވެރިވާށެވެ! އަދި ރިޒުޤު ހޯދުމަށް، ރިވެތި ގޮތުގައި އެދޭށެވެ. ހަމަކަށަވަރުން އެއްވެސް ނަފުސެއް، ރިޒުޤުލިބުން ލަސްވިކަމުގައި ވިޔަސް، އެ ނަފުސަކަށް ކަނޑައެޅިފައިވާ ރިޒުޤު ފުރިހަމަކޮށްފުމަށް ދާންދެން މަރެއްނުވާހުއްޓެވެ. އެހެންކަމުން، މާތް ﷲއަށް ތަޤުވާވެރިވާށެވެ! އަދި ރިޒުޤު ހޯދާން، ރިވެތި ގޮތުގައި އެދޭށެވެ! ތިޔަބައިމީހުން ޙަލާލު ތަކެތި ލިބިގަންނާށެވެ! އަދި ޙަރާމު ތަކެއްޗާ ދުރުހެލިވާށެވެ!"
ހުތުބާގައި އިތުރަށް ބަޔާންކުރައްވާފައިވާ ގޮތުގައި މާތް ﷲ އިންސާނާއަށް ދެއްވި މުދަލަކީ ޙުރުމަތްތެރިވެގެންވާ އެއްޗެކެވެ. އަދި އެއްވެސް މީހަކު އަނެކާގެ މުދަލަށް ޙައްޤަކާނުލައި އަރައިގަތުމަކީ އިސްލާމް ދީނުގައި ޙަރާމްކުރައްވައިފައިވާ ކަމެކެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި ވިދާޅުވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން، ތިޔަބައިމީހުންގެ ލެޔާއި މުދަލާއި އަބުރަކީ ޙުރުމަތްތެރިވެގެންވާ އެއްޗެކެވެ. މިއަދު (އެބަހީ: ޢަރަފާތް ދުވަސް) ޙުރުމަތްތެރިވީ ފަދައިންނެވެ. މި މައްސަރު (އެބަހީ: ޛުލްޙިއްޖާ މަސް) ޙުރުމަތްތެރިވީ ފަދައިންނެވެ. މި ރަށް (އެބަހީ: މައްކާ) ޙުރުމަތްރެރިވީ ފަދައިންނެވެ." މި ބަސްފުޅުން މުދަލުގެ ޙުރުމަތުގެ މަތިވެރިކަން ވަރަށް ރަނގަޅަށް ބަޔާންކޮށްދެއެވެ.
މުދާ ހޯދައި، މިލްކުކުރުމުގައި އިސްލާމް ދީން ވަނީ ހަރުދަނާ އުޞޫލުތަކެއް ކަނޑައަޅުއްވައިފައެވެ. ބާޠިލުގޮތުގައި މީސްތަކުންގެ މުދާ ނުކެއުމަށް ﷲ ތަޢާލާ ވަނީ އަމުރުކުރައްވައިފައެވެ. އަދި ހެޔޮ ގޮތުގައި ވިޔަފާރިކޮށް ދިރިއުޅުން ބާއްޖަވެރިކުރުމަށް މަސައްކަތްކުރުމަށް އެންގެވިއެވެ. މިކަމުގެ މައްޗަށް އަލިއަޅުއްވައި، ﷲ ތަޢާލާ ވަޙީކުރައްވައިފައި ވެއެވެ. މާނައީ: "އޭ إيمانވެއްޖެ މީސްތަކުންނޭވެ! باطلގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެ ފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިޔަކަށްވުން މެނުވީއެވެ." (سورة النساء: 29)
ހުތުބާގައި ވަނީ ޙަލާލު ގޮތުގައި މުދާ ހޯދުމުގެ ފައިދާތަކާއި ޙަރާމް ގޮތުގައި މުދާ ހޯދުމުގެ ނުބައިކަން ބަޔާންކޮށްފައެވެ. ޙަލާލު ގޮތުގައި މުދާ ހޯދުމަކީ، މުދަލުގައި ބަރަކާތް ލައްވާނެ ކަމެއްކަމާއި، ޢަމަލުތައް ޤަބޫލުކުރައްވާނެ ކަމެއްކަމުގައި ބަޔާންކޮށްފައި ވެއެވެ. އަދި ޙަރާމް ގޮތުގައި މުދާ ހޯދުމަކީ މުދަލުގެ ބަރަކާތް ކެނޑި، ޢަމަލުތައް ޤަބޫލުވެވުމަށް ހުރަސްއެޅޭނޭ ކަމެއްކަމުގައި ހުތުބާގައި ހަނދާންކޮށްދީފައިވެއެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހަރާމް ތަކެތި ކައިގެން ހެދިބޮޑުވެފައިވާ މީހަކު، ސުވަރުގެ ނުވަންނަހުއްޓެވެ. އޭނާއަށް އެއްމެ އައުލާކަން ބޮޑީ ނަރަކައެވެ."
ހުތުބާގައި އިތުރަށް ހަނދާންކޮށްދެއްވާފައި ވަނީ، މިއަދު ދިވެހި މުޖުތަމަޢުގައި ދިމާވާ ގިނަ ދަތިތައް ގުޅިފައިވަނީ، މުދަލާ މެދު ދީނުގައި އަންގަވައިފައިވާ އުޞޫލުތަކަށް އިހުމާލުވުމާއެވެ. ކޮރަޕްޝަނާއި، ރިޝްވަތާއި، އަމިއްލަ މަޞްލަޙަތު އިސްކުރުމާއި، އާމްދަނީހޯދުމަށް މަސައްކަތްކުރުމަށް ފަސްޖެހުން ފަދަ އެންމެހައި ކަންކަމުން ދުރުހެލިވުމަށް ދީނުގައި ބާރުއަޅުއްވައިފައިވެއެވެ. މިފަދަ ނުބައިކަންތައްތަކުން ދުރުވެ، ޙަލާލުގޮތުގައި ރިޒުޤު ހޯދައި، މުޖުތަމަޢުގައި އުފާވެރިކަމާއި ބާއްޖަވެރިކަން ޤާއިމުކުރުމަށް ހުތުބާގައި އިލްތިމާސްކޮށްފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!