އިސްރާއީލުގެ ސަރުކާރުން އެބައިމީހުން ފަލަސްތީނުގައި ކުރަމުން އަންނަ ލާއިންސާނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ "ފުރަތަމަ މަރުހަލާ" އަށް ހުއްދަ ދީފައިވާ ކަމަށް، ހުކުރު ދުވަހުގެ ފަތިހު ރިޕޯޓުތައް ބުނެފިއެވެ.
މި ނިންމުމަކީ ޣައްޒާގައި ކުރިމަތިވެފައިވާ އިންސާނީ ކާރިސާއަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވޭ ކަމެކެވެ.
މި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި ހިފެހެއްޓިފައިވާ މީހުން ދޫކޮށްލުމާއި، އިސްރާއީލުން ޣައްޒާގެ ބައެއް ސަރަހައްދުތަކުން އަސްކަރިއްޔާ އަނބުރާ ގެންދިއުން ހިމެނެއެވެ. ނަމަވެސް، ދާއިމީ ސުލްހައެއް ގެނައުމަށް ހުށަހެޅިފައިވާ ފުޅާ މިންވަރުގެ ޕްލޭނެއްގެ ތެރެއިން މި އެއްބަސްވުން ހިމެނިގެންދާނެ ގޮތުގެ ތަފްސީލުތައް އަދިވެސް ސާފެއް ނޫނެވެ.
ހަަމާސްގެ މަޝްވަރާ ކުރާ ޓީމުގެ އިސްވެރިޔާ، ޚަލީލް އަލް-ހައްޔާ ވިދާޅުވެފައިވަނީ، މި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާއާ ގުޅިގެން އެމެރިކާ އަދި މެދުވެރިންގެ ފަރާތުން ކަށަވަރުކަން ލިބިފައިވާ ކަމަށެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ "މުޅިން ނިމުމަކަށް ގެނެވޭނެކަމަށް" ކަމަށް އޭނާ ވިދާޅުވިއެވެ.
ހުކުރު ދުވަހުގެ ފަތިހު އިސްރާއީލުގެ ސަރުކާރުން މި އެއްބަސްވުން ތަސްދީޤުކުރުމާ ގުޅިގެން، 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުމަށް މަގުފަހިވެގެން ދާނެއެވެ. އަދި ހަމާސްގެ ބެލުމުގެދަށުގައި ހިފަހައްޓާފައި ތިބި އިސްރާއީލްގެ މީހުން ދޫކޮށްލުމަށް 72 ގަޑިއިރުގެ މުހުލަތެއް ދީފަވެއެވެ.
މި އެއްބަސްވުމަށް ވޯޓު ދިނުމުގައި އިސްރާއީލުގެ ކަނާތްފަރާތުގެ ޕާޓީތަކުން އިދިކޮޅު ހަދާފައިވާ ކަމަށް ރިޕޯޓުކުރެވެއެވެ. އަދި މީގެ ކުރިން ޤައުމީ ސަލާމަތީ ވަޒީރު އިތަމާރު ބެން-ގަވީރު ވަނީ ވަޒީރުންގެ މަޖިލީހުގެ ރައީސް ބެންޖަމިން ނެތަންޔާހޫއަށް އިންޒާރުދީފައެވެ.
"ޣައްޒާގައި ހަމާސްގެ ވެރިކަން ދެމެހެއްޓުމަށް ފުރުސަތު ދޭ އެއްވެސް ސަރުކާރެއްގައި އަހަރެން ބައިވެރިއެއްނުވާނަން'' އޭނާ ބުނެފަވެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން މިހާތަނަށް މަދުވެގެން 67,194 މީހުން ޝަހީދުވެ، 169,890 މީހުންނަށް ޒަޚަމްވެފައިވެއެވެ. އަދި ހަލާކުވެފައިވާ ޢިމާރާތްތަކުގެ ތެރޭގައި އިތުރު އެތައްހާސް މޯހުންގެ ހަށިގަނޑު ވަޅުލެވިފައިވާ ކަމަށް ބެލެވެއެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހިންގުނު ހަމަލާގައި އިސްރާއީލުގައި ޖުމްލަ 1,139 މީހުން މަރުވެ، ގާތްގަނޑަކަށް 200 މީހުން ހިފެހެއްޓިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!