ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށް ބޭއްވުމަށް ހުށަހަޅާ އިސްލާޙް ހިމެނޭހެން މި އޮކްޓޫބަރު މަހު ފެށުނު މަޖިލީހުގެ ދައުރަށް ޖުމުލަ 27 ބިލެއް ހުށަހެޅުއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އދ. މަހިބަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި، މިހާރުވެސް މަޖިލީހުގައި 18 ބިލެއްގެ މަސައްކަތް ކުރިއަށްދާއިރު، އަލަށް ހުށަހެޅޭ 27 ބިލުގެ ތެރޭގައި 12 އައު ޤާނޫނު ހިމެނެއެވެ.

Ad
rt

ޤާނޫނު އަސާސީއަށް ގެނެވޭ އިޞްލާޙުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށް ބޭއްވުމަށް ހުށަހެޅޭ އިޞްލާޙު ހިމެނޭކަމަށާއި، މިއީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ކަމެއްކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

ހުށަހެޅޭ 27 ބިލުގެ ތެރޭގައި ކޮރަޕްޝަން ނައްތާލުމަށް ރިޢާޔަތްކުރެވޭ 6 ބިލު ހިމެނޭއިރު، މީގެ ތެރޭގައި މަނީލޯންޑަރިންގް އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ޤާނޫނަށް ގެންނަ އިޞްލާޙާއި، އެސެޓް ރިކަވަރީ ބިލު ހިމެނެއެވެ.

މީގެ އިތުރުން ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށާއި، ޖިނާޢީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނަށާއި، އެންޓިކޮރަޕްޝަން ކޮމިޝަންގެ ޤާނޫނަށާއި، ޤާނޫނުލް ޢުޤޫބާތަށްވެސް އިޞްލާޙުތަކެއް ހުށަހެޅުއްވުމަށް ބިލުތައް ހުށަހަޅުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މި އިޞްލާޙުތަކާއެކު ޖުޑިޝަރީއާއި އެންޓިކޮރަޕްޝަން ކޮމިޝަން، އަދި ފުލުހުންނާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.