ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ފަހު މައުލޫމާތު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކަމާއި ގުޅުންހުރި ފަރާތްތަކާއި މިއަދު ހިއްސާކޮށްފިއެވެ.
ހުޅުލޭ އައިލެންޑް ހޮޓަލުގައި މިކަމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ދެއްކެވި ވާހަކާގައި، އެމްއޭސީއެލްގެ ސީއީއޯ އިބްރާހީމް ޝަރީފު މުޙައްމަދު ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މިވަގުތު އެންމެ ރަނގަޅަށް ނެތް ކަންކަން ހައްލު ކުރައްވަމުން ގެންދަވާކަމަށެވެ.
މީގެ އިތުރުން އެމްއޭސީއެލުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމާއި ހަވާލުވުމުން، އެ އެއާޕޯޓްގެ ސަލާމަތާއި ރައްކާތެރިކަން މިހާރަށްވުރެ ވަރުގަދަ ވެގެންދާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފު އިތުރަށް ވިދާޅުވީ, އެމްއޭސީއެލްގެ ކޮންމެ ކަމެއްގައިވެސް ކަމާގުޅޭ ސްޓޭކްހޯލްޑަރުންގެ މަޝްވަރާ ހޯއްދަވާނެ ކަމަށާއި އެ ސްޓޭކްހޯލްޑަރުންނަށް ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން އަބަދުވެސް ލިބެމުންދާނެ ކަމަށެވެ.
މި ބައްދަލުވުމުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސް, މޯލްޑިވްސް އިމިގްރޭޝަން, މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ, ދިވެހިން ފުލުހުންގެ ޚިދުމަތް, އެމްއެންޑީއެފް, މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސާވިސް ހިމެނޭހެން ކަމާގުޅުންހުރި އެހެނިހެން އިދާރާތަކުގެ އޮފިޝަލުން ބައިވެރިވިއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢު ލަސްވެގެން އަންނަ ނޮވެމްބަރާއި ހަމައަށް ނިންމައި، ނޮވެމްބަރުމަހު އެއާޕޯޓް ފުރިހަމައަށް ބޭނުންކުރެވޭގޮތް ހެދުމަކީ އަމާޒުކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
މިއީ 2019ވަނަ އަހަރު އިންޑިއާގެ އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރެވުނު 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ބޮޑު މިނުގައި 42،000 އަކަފޫޓު ހުންނަ އޭޕްރަނަކާއި، 2،400 މީޓަރުގެ ރަންވޭއަކާއި 10،500 އަކަމީޓަރުގެ ޕެސެންޖާ ޓާމިނަލެއް ތަރައްގީ ކުރަމުން އަންނައިރު، 3،800 އަކަމީޓަރުގެ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި، އާމް އަދި ފިއުލް ޖެޓީގެ މަސައްކަތްތަކެއް ވެސް އަންނަނީ ކުރަމުންނެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ހަވާލުކުރީ 136.6 މިލިއަން އެމެރިކާ ޑޮލަރަށް އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެވެ. ޖޭއެމްސީ ޕްރޮޖެކްޓްސްއަކީ އިމާރާތް ކުރުމުގެ ދާއިރާއާއި ހަކަތައިގެ ދާއިރާގެ މަޝްރޫއުތައް ހިންގާ އިންޑިއާގެ ކުންފުންޏެކެވެ.
މި އެއާޕޯޓުގައި ތަރައްގީ ކުރަނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!