އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހުކުރު ދުވަހުގެ ރޭ މާލޭގައި ބާއްވަން ހަމަޖެހިފައިވާ މުޒާހަރާގައި ބައިވެރިނުވުމަށް، ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތް (ނ.މ.ޝ.ޢ)ގެ ވެރިޔާ އަދި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، ޤާސިމް އިބްރާހީމް ގޮވައިލައްވައިފިއެވެ.

މާމިގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ގޮތުގައި ވެސް ހުންނެވި ޤާސިމް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެމްޑީޕީގެ މުޒާހަރާގައި ބައިވެރިނުވުމަށް ޖޭޕީގެ މެންބަރުންނާއި ދިވެހި ރައްޔިތުންނަށް ގޮވައިލައްވައިފައެވެ.

Ad
rt

އެމަނިކުފާނު މި މުޒާހަރާ ސިފަކުރައްވާފައި ވަނީ "ބިނާކުރަނިވި މުޒާހަރާއެއް ނޫން، ފަނާކުރަނިވި ނުބައިކަމެއް"ގެ ގޮތުގައެވެ. ޤާސިމް ވިދާޅުވެފައިވަނީ އެމްޑީޕީން ރާވައިގެން ބާއްވާ މި މުޒާހަރާގެ ބޭނުމަކީ "ވެރިކަން ހޯދަންވެގެން ކުރާ ބޮޑު ނުބައިކަމެއް" ކަމަށެވެ.

ޤާސިމް ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރަށް ކުރަންޖެހިފައިވާ މައިގަނޑު ކަމަކީ، އިސްވެދިޔަ ތިން ހަތަރު ސަރުކާރުން ނަގާފައިވާ ބޮޑެތި ދަރަނިތައް ދެއްކުމެވެ.

"ލިބޭ ހުރިހާ ފައިސާއެއްގެ ބޮޑުބައި މި ދަނީ އެ ދަރަނިތައް ދެއްކުމަށް. މިކަން މި ދަރަނިތައް ނުދެއްކިއްޖެ ނަމަ، މުޅި ޤައުމު ބޭންކްރަޕްޓް ވާނެ،" ޤާސިމް ވިދާޅުވިއެވެ.

އެހެންކަމުން، މި ސަރުކާރުން އިތުރު ޓެކްސް ނަގައިގެން ވެސް އެކަން ކުރަމުން ގެންދާ ކަމަށާއި، މުސާރަތައް ވެސް ހަމަޖައްސަމުން ގެންދަނީ މި ގޮތަށް ކަމަށް ޤާސިމް ވިދާޅުވިއެވެ.

މިރޭގެ މުޒާހަރާއަކީ ޤައުމަށް މި ވެރިކަމުގައި ރަނގަޅު ކަމެއް ކުރިއަށް ނުދީ ވެރިކަން ހޯދަން ފިތުނަ ކުރަންވެގެން ކުރާ ނުބައިކަމެއް ކަމަށް ވެސް ޤާސިމް ސިފަކުރެއްވިއެވެ. ޤާސިމް ވިދާޅުވީ މިހާރުގެ ސަރުކާރުން ރައްޔިތުންނަށް އޮޅުވާލުމެއް ނެތި ހުރިހާ ކަމެއް ހާމަކުރަމުންދާ ކަމަށާއި، ކުރީގެ ސަރުކާރުތަކުގެ ދުވަސްވަރު ސަރުކާރުގެ ކުންފުނިތަކުގެ ހާލަތު އޮތް ގޮތް ވެސް މިހާރު ހާމަކޮށްފައިވާ ކަމަށެވެ.

ކުރީގެ ތިން ހަތަރު ސަރުކާރުން ވެސް ސަރުކާރުގެ ކުންފުނިތަކުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ބުނި ނަމަވެސް، އެކަންކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ ސުވާލުއުފައްދަވަމުން ޤާސިމް ވިދާޅުވީ، މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެފަދަ ހިޔާނާތްތައް ނުކުރުމަށް އެންމެންނަށް ނަސޭހަތްތެރިވެ އިންޒާރު ކުރައްވަމުންދާ ކަމަށާއި، އެކަންކަން ތަހުގީގު ކުރައްވަމުން ގެންދަވާ ކަމަށެވެ.

މި މުޒާހަރާއިން ނުކުންނާނެ ނަތީޖާއަކީ ޤައުމު އިތުރު ވަޅުގަޑަކަށް ވައްޓާލުން ކަމަށާއި، ރައްޔިތުން އިތުރަށް ދަރާނިވެރިކުރުވައި އިދަޖައްސާލުން ކަމަށް ޤާސިމް ވިދާޅުވިއެވެ. އެހެންކަމުން، އެއްވެސް މީހަކު މި މުޒާހަރާގައި ބައިވެރިނުވުމަށާއި، ޤައުމުގެ އަމަންއަމާންކަން ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރުމަށް ޤާސިމް ވަނީ އެދިވަޑައިގެންފައެވެ.

އިދިކޮޅު އެމްޑީޕީން ބާއްވާ މުޒާހަރާ އޮންނާނީ މިރެއެވެ.