ހއ. އިހަވަންދޫގައި މިއަދު ކުރިއަށްދާ ދީނީ ދަރުސް ޕްރޮގްރާމުގެ ދަށުން އާންމުންނަށް މިރޭ އިހްޔާ ފޯރަމް އެއް ބާއްވަން ހަމަޖެހިއްޖެއެވެ.

މި ދީނީ ދަރުސް ޕްރޮގްރާމަކީ އިހްވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން އިހަވަންދޫ ކައުންސިލާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

Ad
rt

މިގޮތުން މި ޕްރޮގްރާމުގެ ދަށުން އިހަވަންދޫ ސްކޫލުގެ ދަރިވަރުންނަށް މިއަދު ހެނދުނު ވަނީ، "ކިޔަވާ ކުއްޖެއްގެ ގައިގާ ހުންނަން ޖެހޭ މުހިންމު ސިފަތައް" ގެ މައުޟޫޢުގެ ދަށުން ދަރުހެއް ކުރިއަށް ގެންގޮސްފައެވެ. އަދި މިއަދު ހަވީރު ބެލެނިވެރިންނަށް ޚާއްސަކޮށްގެން އިސްލާމީ ފިޤުހު އާއި ބެހޭގޮތުން ދަރުހެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މި ދަރުސް ޕްރޮގްރާމުގެ އެންމެ ފަހު ދަރުހެއްގެ ގޮތުގައި މިރޭ ހުރިހާ ރައްޔިތުންނަށް ޚާއްސަކޮށްގެން އިހްޔާ ފޯރަމް ބާއްވަން ހަމަޖެހިފައިވާއިރު، މި ފޯރަމް އަށް ސުވާލު ހުށަހެޅުމަށް ވެސް އެ ކޮމިޓީން މިއަދު ވަނީ ހުޅުވާލާފައެވެ. "މުޖުތަމައު އިސްލާހުކުރުން" މި މައުޟުޢުގެ ދަށުން މިރޭ 8:30 ގައި ކުރިއަށްގެންދާ މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ އިހަވަންދޫ ޕޮލިސް ސްޓޭޝަން ކުރިމަތީގައެވެ.

މި ދަރުސް ޕްރޮގްރާމުގައި ދަރުސް ދެއްވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑީން، ޑރ. އަބްދުއްސައްތާރު ޢަބްދުލް ރަޙްމާން އެވެ.

ދިވެހި މުޖުތަމައުއެއްގެ ތެރޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އިހަވަންދޫ ކައުންސިލުންނާއި އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ދަނީ މިފަދަ ދީނީ ދަރުސްތަކާއި މައުލޫމާތު ދިނުމުގެ ސެޝަންތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެކި މަސައްކަތްތައް ކުރަމުންނެވެ.