އުރީދޫ މޯލްޑިވްސްއިން އެ ކުންފުނީގެ އެންމެ އުފާވެރި ދުވުން ކަމަށްވާ "އުރީދޫ ފަން ރަން" މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ 19 ޑިސެމްބަރު 2025 ގައި ހުޅުމާލޭގައި ކަމަށް އިއުލާންކޮށްފިއެވެ.

ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ދުވުމުގެ ގޮތުގައި މަޝްހޫރުވެފައިވާ މި ހަރަކާތަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ބައިވެރިވެވޭ، އަދި އެއްބައިވަންތަކަމާއި އުފަލާއި މަޖަލުގެ ތެރެއިން ދުޅަހެޔޮ ސިއްހަތަކަށް އެއްބާރުލުންދޭ އިވެންޓެކެވެ. ކޮންމެ އަހަރަކުވެސް އެތައް ހާސް ބަޔަކު ބައިވެރިވާ މި ދުވުމަކީ ދުޅަހެޔޮ ސިއްހަތެއްގެ އިތުރުން އުފާވެރިކަމާއި މުޖުތަމައުގެ ރޫހު ދައްކުވައިދޭ ރޭހެއްގެ ގޮތުގައި ކުރިއަށް ގެންދާ ރަނެކެވެ.

Ad
rt

މި އަހަރުގެ ފަން ރަންގައި ބައިވެރިވުމަށް ރެޖިސްޓްރޭޝަން ހުޅުވާލުމަށް ހަމަޖެހިފައިވަނީ 19 އޮކްޓޫބަރު 2025 ގައެވެ. މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކަށް މަޖާ ކިޓްތަކާއި، ކުލަ، ފޯމް، މިއުޒިކް އަދި މުނިފޫހިފިލުވުމުގެ އެތައް ތަޖުރިބާއެއް އިވެންޓް ސަރަހައްދުން ލިބިގެންދާނެ ކަމަށް އުރީދޫއިން މައުލޫމާތު ދީފައިވެއެވެ.

"އުރީދޫ ފަން ރަން އަކީ ހަމައެކަނި ފިޓްނަސް ނޫން، މިއީ މުޖުތަމައު ގުޅުވާލާ އުފާވެރި އަދި އެއްބައިވަންތަ ވަގުތުތައް އުފެއްދުމަށް ބާއްވާ ހަރަކާތެއް" ކަމަށް އުރީދޫއިން ބުނެފައިވެއެވެ.

އިވެންޓާ ގުޅޭ އިތުރު މައުލޫމާތުތައް، ކިޓްތަކާއި ރޫޓްތަކުގެ ތަފްސީލް، އިވެންޓް ތާރީޚް ކައިރިވަމުން އަންނަވަރަކަށް އުރީދޫގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ހިއްސާކުރަމުން ގެންދާނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.