އަތޮޅު ޗެމްޕިއަންޝިޕް 2025 ގައި ބައިވެރިވާ "ޓީމް ކުޅުދުއްފުށި" އަށް ކޯޗުކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ.
ސިޓީ ކައުންސިލުން އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، އަތޮޅު ޗެމްޕިއަންޝިޕުގައި ބައިވެރިވާ ކުޅުދުއްފުށީ ޓީމަށް ކޯޗަކު ބޭނުންވަނީ 10 އޮކްޓޯބަރ 2025 ވާ ހުކުރު ދުވަހުން ފެށިގެން އެ މުބާރާތް ނިމެންދެންކަމަށެވެ.
މިގޮތުން، މުސާރައިގެ ގޮތުގައި 35،000 ރުފިޔާ ކަނޑައަޅާފައިވާ މި މަޤާމަށް މީހަކު ހޯދަނީ ކުޅުދުއްފުށީގައި ހުރުމުގެ އިންތިޒާމުގެ އިތުރުން ފުޑް އެލޮވެންސްއަށް ވެސް ދުވާލަކު 200 ރުފިޔާ ދޭގޮތަށެވެ.
ޓީމުގެ ކޯޗެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ އެންމެހާ ޒިންމާތައް އަދާކުރުމަށް ކޯޗަކު ހޯދާއިރު، މި މަގާމުގެ އަސާސީ ޝަރުތުތަކުގެ ތެރޭގައި އޭ.އެފް.ސީ ކޯޗިންގ ސެޓްފިކެޓް ލެވެލް "އޭ" ހާސިލްކޮށް، ކޯޗުކަން ކުރުމުގައި 8 އަހަރު ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހޭކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
އެހެންކަމުން، ސިޓީ ކައުންސިލުން ވަނީ ޓީމް ކުޅުދުއްފުށީގެ ކޯޗުކަން ކުރުމަށް ޝަރުތު ހަމަވާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން https://forms.gle/eAevJrCvK79qVAWM9 މެދުވެރިކޮށް 6 އޮކްޓޯބަރ 2025 ވާ ހޯމަދުވަހުގެ މެންދުރު 2 ޖެހުމުގެ ކުރިން ފޯމު ފުރުމަށް އެދިފައެވެ.
މީގެ އިތުރުން ކޯޗެއްގެ ގޮތުގައި ހޮވޭނީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެފައިވާ ފަރާތްތައް އިންޓަވިއު ކުރުމަށްފަހު އެންމެ މަތިން މަރކްސް ހޯދާ ފަރާތެއް ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!