އިގުތިސާދީ ގޮތުން ކަންބޮޑުވެ، ހާސްވާން ޖެހޭ ކަމެއް މިހާރު ނެތްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދުވަސްތަކަކަށްފަހު ރޭ ބޭއްވި ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވިގޮތުގައި އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް މިހާރު ވެސް ގެންދަވަނީ ފުއްދަވަމުން ކަމަށެވެ. އެ ވަޢުދުތައް ފުއްދަވަމުން ގެންދަވަނީ ސަޕޯޓަރުންގެ އެހީތެރިކަން ލިބިގެންކަން ފާހަގަކުރައްވަމުން، މިވަގުތު ވެސް އެތައް މަޝްރޫޢުއެއް ފެށި ހިނގަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، މި ސަރުކާރަށް ކޮންމެ ރައްޔިތެއް ވެސް ވަރަށް މުހިންމެވެ. އަދި އެއީ އެންމެ ކުޑަ އާއިލާ، އެންމެ ކުޑަ އާބާދީ އޮތް ރަށުގެ ރައްޔިތެއް ކަމުގައި ވިޔަސް އަދި ކޮންމެ ރަށެއްގައި ހުރި ރައްޔިތެއް ކަމުގައި ވިޔަސް ހުރިހާ ރައްޔިތުން ހަމަހަމަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުން އެދޭ މަޝްރޫޢުތައް ހިންގައި، ކަންކަން ކޮށްދެއްވަމުން ގެންދަވަނީ ހަލާކުވެފައި، ވަޅުޖެހިފައި އޮތް އިގުތިސާދު ނަގައި ކޮޅަށް ޖަހަމުންނެވެ. މިހާރު ރާއްޖޭގެ އިގުތިސާދީ ދުވެލި ހުރީ ރަނގަޅު ސްޕީޑުގައި ކަމަށާއި، ކަންބޮޑުވެ، ހާސްވާން ޖެހޭ ކަމެއް އިގުތިސާދީ ގޮތުން މިހާރު ނެތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރޭ ބޭއްވި ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި އެޕާޓީއާއި ސަރުކާރަށް ތާޢީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!