އުރީދޫ މޯލްޑިވްސްއިން އެ ކުންފުނީގެ ކްލަބް ޕްރިމިއަރ ގޯލްޑް އަދި ޕްލެޓިނަމް މެމްބަރުންނަށް އައު ޚިދުމަތެއް ތަޢާރަފުކޮށްފިއެވެ.
މިގޮތުން، ޕްރިއޯރިޓީ ޕާސް މެމްބަޝިޕްގެ ދަށުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި 1300 އަށްވުރެ ގިނަ އެއަރޕޯޓް ލައުންޖްތަކަށް ވަނުމުގެ ފުރުސަތު ހިލޭ ލިބިގެންދާނެއެވެ.
މި އައު ޚިދުމަތަކީ އުރީދޫގެ ކަސްޓަމަރުންނަށް ދަތުރުފަތުރުގައި ލުއިފަސޭހަ އަދި ޝަރަފުވެރި ތަޖުރިބާތަކެއް ހޯދައިދިނުމަށާއި، ކަސްޓަމަރުންގެ ވަފާތެރިކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ތަޢާރަފުކޮށްފައިވާ ޚިދުމަތެކެވެ. ކްލަބް ޕްރިމިއަރ ގޯލްޑް ނުވަތަ ޕްލެޓިނަމް މެމްބަރެއްގެ ގޮތުގައި މަދުވެގެން ތިން މަސްދުވަހު ދެމިހުރި ކޮންމެ ކަސްޓަމަރަކަށްވެސް މި ޕްރިއޯރިޓީ ޕާސް ލިބޭނެއެވެ.
އުރީދޫ މޯލްޑިވްސްއިން ހާމަކުރި ގޮތުގައި، ޕްރިއޯރިޓީ ޕާސް އެކްޓިވޭޓްކުރުމަށްފަހު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ލައުންޖުތަކަށް ވަދެވޭނެއެވެ. މީގެ އިތުރުން، ކްލަބް ޕްރިމިއަރ މެމްބަރުންނަށް ރާއްޖޭގެ އެކި ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަތަކުން ޚާއްސަ ޑީލްތަކާއި އަގުތަކެއް ލިބިގެންދާނެއެވެ.
"އުރީދޫ މޯލްޑިވްސްއިން މަސައްކަތް ކުރަމުންދަނީ ރައްޔިތުން ގުޅުވައިދިނުމުގެ އިތުރަށް، ދިރިއުޅުމުގެ އެކި ކަންކަމުގައި ފުރިހަމަ އެކްސްޕީރިއަންސް ފޯރުކޮށްދީ، އަޅުގަނޑުމެންގެ ކަސްޓަމަރުންގެ އަގު ވަޒަންކުރުމަށް" ކަމަށް އުރީދޫއިން ބުނެފައިވެއެވެ.
ޕްރިއޯރިޓީ ޕާސް އެކްޓިވޭޓްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އުރީދޫގެ ސޯޝަލް މީޑިއާ ނުވަތަ ލައިވް ޗެޓް މެދުވެރިކޮށް ކަސްޓަމަރ ސަރވިސްއާ ގުޅުމަށް އެ ކުންފުނިން އަންގާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!