ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ރަސްމީ ހައިސިއްޔަތުގެ ނަހަމަ ބޭނުން ކުރުމުގެ ކުށް ސާބިތުވެ، ހަތަރު އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ބްލޭޒަން އިންކް ކިޔާ ކުންފުންޏަކާއެކު 2019 ވަނަ އަހަރު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، އެ ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއްނެތި ފައިސާ ދޫކުރި މައްސަލައިގައި ސައީދުގެ އިތުރުން ފެނަކައިގެ އޭރުގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާގެ މައްޗަށްވެސް ދައުވާ އުފުލިފައިވެއެވެ.

Ad
rt

ސައީދުގެ މައްޗަށް ހުކުމް ކުރެވުނު މުއްދަތަކީ، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެދިފައިވާ އެއް އަހަރާއި ހަތް މަހަށްވުރެ ދިގު މުއްދަތެކެވެ. "ސައީދުގެ ކުށުގެ ރެކޯޑެއް ނެތުމާއި ދިފާއުގެ ބޮޑު ބައި ސާބިތުކޮށްދެވިފައިވާތީ، އަދަބު ކުޑަކޮށްދިނުމަށް" ދިފާއީ ވަކީލުން އެދުނު ނަމަވެސް، ގާޒީ ނިންމެވީ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ.

މި މައްސަލައިގައި ސައީދަށް ހުކުމްކުރެވުނު އިރު، ފެނަކައިގެ އޮޑިޓް ރިޕޯޓުން ކޮރަޕްޝަންގެ އިތުރު ބޮޑެތި މައްސަލަތަކެއް ހާމަވެފައިވާކަން ފާހަގަކުރެވެއެވެ. ނަމަވެސް ސައީދު ވަނީ އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ބަޔާނެއް ނެރުއްވާފައެވެ.

މި މައްސަލައާ ގުޅިގެން ސައީދުގެ މައްޗަށް ތުހުމަތުކުރެވޭ އިތުރު މައްސަލަތަކެއް އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި މިހާރުވެސް ތަހުގީގު ކުރެވެމުންދާކަން ފާހަގަކުރެވެއެވެ. އަދި މިފަހުން އޮޑިޓް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައިވެސް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެއެވެ.