ހުޅުމާލޭ ފިހާރައެއްގައި މަސައްކަތްކުރާ ނޭޕާލު އަންހެނަކަށް މިއަދު ވަޅިން ހަމަލާދީ ޒަޚަމްކޮށްލި މައްސަލާގައި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދިން ގޮތުގައި، 2025 ސެޕްޓެމްބަރ 27 ވަނަ ދުވަހުގެ މެންދުރުފަހު 12:45 ހާއިރު ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ މީހަކު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުނެވެ.
މި މާރާމާރީގައި އަނިޔާވެފައިވަނީ ހުޅުމާލެ ފޭސް 1 ގައި ހުންނަ ފިހާރައެއްގައި މަސައްކަތްކުރާ ނޭޕާލަށް ނިސްބަތްވާ 21 އަހަރުގެ އަންހެނަކަށެވެ.
މި މައްސަލައިގެ ތުހުމަތުގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޖަހަންގީރު މިއާ (25 އަހަރު) ވަނީ 2025 ސެޕްޓެމްބަރ 27 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހައްޔަރުކޮށްފައެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ސީސީޓީވީ ކެމެރާ ފުޓޭޖް ބަލައިގެންނާއި އަދި އެހެނިހެން ގޮތްގޮތުން ތަޙުޤީޤުގެ ތެރެއިން ކުރެވުނު މަސައްކަތުން އޭނާ ދެނެގަނެ ލޮކޭޓް ކޮށްގެންނެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް 2 އިންނެވެ.
ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދިން ގޮތުގައި، މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!