ކޮމަންވެލްތު ޤައުމުތަކުގެ ފުރަތަމަ ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް ދިވެހިރާއްޖޭގައި ބޭއްވޭ ކަމީ ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ބައިނަލްއަޤުވާމީ ބީޗް ހޭންޑްބޯލް މުބާރާތް ކަމަށްވާ، "ކޮމަންވެލްތް ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް 2025" އިއްޔެ ހަވީ ވަނީ ކުޅުދުއްފުށި ސިޓީގައި ފަށާފައެވެ.
މި ކަމާއި ގުޅިގެން ރައީސް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮމަންވެލްތު ޤައުމުތަކުގެ ފުރަތަމަ ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް ދިވެހިރާއްޖޭގައި ބޭއްވޭ ކަމީ ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށެވެ. އަދި މިއީ ކުޅިވަރުގެ ބައިނަލްއަޤްވާމީ ދަނޑުތަކުގައި ދިވެހީން ޙާޞިލްކުރި ބޮޑު ކުރިއެރުމެއް ކަމަށް ވެސް ވިދާޅުވެފަވެއެވެ.
ރާއްޖެއަށް ކުޅިވަރުގެ އައު ބާބެއް, ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތް ކުޅުދުއްފުށީގައި ފަށައިފި
މި މުބާރާތުގައި ދުނިޔޭގެ އެކި ޤައުމުތަކުން ބައިވެރިވި ޓީމުތަކަށް އަދި މުބާރާތް ބައްލަން ރާއްޖެއަށް ޒިޔާރަތްކުރި މެހުމާނުންނަށް މަރްޙަބާ ދަންނަވަންވަމުން ރައީސް ވިދާޅުވެފައި ވަނީ، މިއީ، ކުޅިވަރަށް ދިވެހީން ކުރާ ލޯބި ދުނިޔެއަށް ހާމަވެ، އަދި މި ޤައުމުގެ ރީތިކަން އެތައް ބަޔަކަށް އިތުރަށް އިޝްތިހާރުވާނެ ރަނުގެ ފުރުޞަތެއް ކަމަށެވެ. އަދި މިއީ އަމާން ޞުލްޙަވެރި ހިތްހެޔޮ ރައްޔިތެއް ދިރިއުޅޭ މި ރާއްޖެއަށް އެތައް ބަޔެއްގެ ޝައުގާއި ތާރީފު ލިބޭނެ މުބާރާތެއް ކަމަށް ވެސް ރައީސް ވިދާޅުވެފަވެއެވެ.
''މުބާރާތުގައި ބައިވެރިވި ހުރިހާ ޤައުމުތަކުގެ ޓީމުތަކުންވެސް މޮޅު ކުޅުމެއް ފެންނާނެކަމަށް އިންތިޒާރުކުރަން. އަދި ވަކީން ޚާއްޞަކޮށް ދިވެހި ޤައުމީ ޓީމަށް ވަރަށް ފަޚުރުވެރި ކާމިޔާބީއަކަށް އެދެން.'' ރައީސް ވިދާޅުވެފަވެއެވެ.
މި ސެޕްޓެމްބަރ މަހު 18 އިން 22 އަށް ކުރިއަށްގެންދާ މި މުބާރާތުގައި ދިވެހިރާއްޖޭގެ ޤައުމީ ހޭންޑްބޯޅަ ޓީމް ހިމެނޭހެން 6 ޓީމެއް ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި، ސްރީލަންކާ، ބަންގްލަދޭޝް، ސައުތު އެފްރިކާ އަދި ޕާކިސްތާނުގެ އިތުރުން އިންޑިއާ ގެ ހޭންޑްބޯޅަ ޓީމު ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!