ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޤަޠަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅަކީ ގަތަރުގެ ވެރިރަށް ދޯހާގައި އިއްޔެ ކުރިއަށް ދިޔަ އެއް ދުވަހުގެ ޢަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ.
މި ސަމިޓުގައި އެމަނިކުފާނު ތަޤްރީރުކުރަށްވާފައިވާއިރު، އެ ތަޤްރީރުގައި، އިސްރާއީލުން ޤަޠަރަށް ދިން ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ޖަރީމާއެއް ކަމަށާއި، އެއީ ސީދާ ސުލްޙައަށް ދިން ހަމަލާއެއްކަމުގައި ސިފަކުރެއްވިއެވެ. އަދި ޤަޠަރަށް ދޭން ޖެހޭނީ ޙަމަލާއެއް ނޫންކަމަށާއި، އެ ޤައުމަށް ޙައްޤުވަނީ، އެކުރާ މަސައްކަތުގެ އަގުވަޒަންކުރުންކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، އިސްރާއީލުން މަސައްކަތްކުރަމުންދަނީ ސުލްޙައަށް ކުރާ މަސައްކަތްތަކަށް ހުރަސް އަޅައި، ސަރަޙައްދީ ހަމަޖެހުމަށް ލޮޅުންއެރުވުމަށް ކަމުގައެވެ. އިސްރާއީލުން ޤަޠަރަށް ދިން އެ ހަމަލާއަކީ، ފަލަސްޠީނުގެ ބިންތައް އިސްތިޢުމާރު ކުރުމާއި، ފަލަސްޠީނަށް އެހީ ފޯރުކޮށްދިނުމަށް ހުރަސް އެޅުމާއި، ޢާންމު ރައްޔިތުންނާއި ސިއްޙީ ޚިދުމަތްތެރިންނާއި ނޫސްވެރިންނަށް އަމާޒުކޮށްގެން ހަމަލާދިނުން ހިމެނޭ ގޮތަށް، ފުޅާ ދާއިރާއެއްގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކުގެ ތެރޭގައި ހިމެނޭ ހަމަލާއެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ލާއިންސާނީ ހަނގުރާމައަށް އިޝާރާތްވައި ރައީސްގެ ތަގުރީރުގައި ވިދާޅުވީ، ޣައްޒާގެ ރައްޔިތުންގެ ސުންނާފަތިވެފައިވާ ދިރިއުޅުން އާރާސްތުކުރުމަށް ހަމައެކަނި ލަފުޒުތަކަކުން ނުފުދޭނެ ކަަމަށެވެ. އަދި އިސްރާއީލުން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކަށް އެ ޤައުމުގެ ލީޑަރުން ޖަވާބުދާރީކުރުވަންޖެހޭ ކަމަށާއި، މިކަމަށްޓަކައި ރޭވިފައިވާ ސިޔާސީ، އިޤްތިޞާދީ، އަދި ޚާރިޖީ ފިޔަވަޅުތަކެއް އެޅުން މުހިންމު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިސަމިޓްގެ ހަވާސާގައި ރައީސް ވަނީ ޤަޠަރުގެ އަމީރު، ހިޒް ހައިނަސް ޝައިޚް ތަމީމް ބިން ހަމަދު އަލްޘާނީއާ ބައްދަލުކުރައްވާފައެވެ. ދޯހާގެ ޝެރަޓަން ދޯހާ ހޮޓެލްގައި ބޭއްވެވި މި ބައްދަލުވުމުގައި ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމާއި، ސަރަހައްދީ މުހިންމު މައްސަލަތަކާމެދު މަޝްވަރާކުރައްވާފައިވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އަދި މި ބައްދަލުވުމުގައި، އިސްރާއީލުން ޤަޠަރަށް ދިން ޢުދުވާނީ ހަމަލާގައި ގިނަ ބަޔަކު ޝަހީދުވުމާ ގުޅިގެން ރައީސް މުޢިއްޒު ހިތާމަފުޅު ފާޅުކުރައްވައި، ޤަޠަރުގެ ވެރިކަމާއި ރައްޔިތުންނާއެކު ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.
ރާއްޖެއިން ޤަޠަރާއެކު އަބަދުވެސް ސާބިތުކަންމަތީ ދެމި އޮންނާނެ ކަމުގެ ޔަޤީންކަން ދެއްވައިފި
މި ސަމިޓަކީ، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެމްބަރު ގައުމުތަކުގެ ލީޑަރުން އެއްވެ، އިސްރާއީލުގެ އަމަލުތައް ކުށްވެރިކޮށް، ބައިނަލްއަގްވާމީ ގާނޫނުތައް ހިފެހެއްޓުމަށާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް މުސްލިމު އުއްމަތުގެ ޤައުމުތަކުގެ އަޑު އެކަތިގަނޑެއްގެ ގޮތުގައި އިއްވައި، ލާއިންސާނީ ޢަމަލުތައް ހުއްޓުވުމަށާއި ސަރަޙައްދީ އަމަންއަމާންކަން ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މަގުފަހިކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!