ކުޅުދުއްފުށި ސިޓީގައި ބާއްވާ ރާއްޖޭގެ ފުރަތަމަ ބައިނަލްއަގުވާމީ ބީޗް ހޭންޑްބޯލް މުބާރާތް ކަމަށްވާ ކޮމަންވެލްތު ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް 2025 ގައި ވާދަކުރާ ޓީމުތައް ކުޅުދުއްފުއްޓަށް އަންނަން ފަށައިފިއެވެ.

މި ސެޕްޓެމްބަރ މަހުގެ 18 އިން 22 އަށް ބާއްވަން ހަމަޖެހިފައިވާ މި މުބާރާތް ފެށެން ބާކީ 5 ދުވަހަށް ވެފައިވާއިރު، މި މުބާރާތުގައި ވާދަކުރާ ޓީމުތަކުގައި ހިމެނޭ ޕާކިސްތާނު ޓީމުގެ ކުޅުންތެރިން ރޭގެ ވަގުތެއްގައި ވަނީ ކުޅުދުއްފުއްޓަށް އައިސްފައެވެ.

Ad
rt

މިގޮތުން ޕާކިސްތާނުގެ ކުޅުންތެރިން ކުޅުދުއްފުއްޓަށް އައި ވަގުތު ކުޅުދުއްފުށީ އެއާޕޯޓަށް ވަނީ ހޭންޑްބޯލް އެސޯސިއޭޝަންގެ މެންބަރުންނާއި ސިޓީ ކައުންސިލުގެ މެންބްރުންގެ އިތުރުން ރާއްޖޭގެ ހޭންޑްބޯޅަ ޓީމުގެ ކުޅުންތެރިންނާއި ކޯޗު، ޕާކިސްތާނުގެ ކުޅުންތެރިންނަށް ހޫނު މަރުހަބާ އެއް ކިޔާފައެވެ.

ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތުގައި ވާދަކުރާ ޕާކިސްތާން ޓީމު ކުޅުދުއްފުށީގައި، ފޮޓޯ: ސިޓީ ކައުންސިލް

ދިވެހިރާއްޖޭގެ ޤައުމީ ހެންޑްބޯޅަ ޓީމު ހިމެނޭހެން މި މުބާރާތުގައި މުޅި ޖުމްލަ 6 ޓީމެއް ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ބަންގްލަދޭޝް، އިންޑިއާ، ސައުތް އެފްރިކާ އަދި ޕާކިސްތާނުގެ އިތުރުން ސްރީލަންކާގެ ހޭންޑްބޯޅަ ޓީމު ހިމެނެއެވެ. އަދި މި މުބާރާތުގައި އެންމެ ފުރަތަމަ ވާދަކުރުމަށް ހަމަޖެހިފައިވަނީ ސްރީލަންކާ އާއި ދިވެހިރާއްޖެ ބައްދަލުކުރާ މެޗުންނެވެ.

މި މުބާރާތަކީ އޭޝިއަން ފެޑެރޭޝަނާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއީސީ) އާއި ކުޅިވަރާއި ބެހޭ ވުޒާރާއިން މަޝްވަރާކުރުމަށްފަހު ކުޅުދުއްފުށީގައި ބާއްވަން ނިންމައި ކޮމަންވެލްތައް ޕްރޮޕޯސަލް ހުށަހެޅުމަށްފަހު އެ ޕްރޮޕޯސަލް ބަލައިގަތުމުން ކޮމަންވެލްތުގެ ހުރިހާ ގައުމަކަށް ދައުވަތު ދީގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މުބާރާތެކެވެ.

ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތުގައި ވާދަކުރާ ޕާކިސްތާން ޓީމަށް ކުޅުދުއްފުށިން މަރުޙަބާ ކިޔަނީ، ފޮޓޯ: ސިޓީ ކައުންސިލް

މީގެ އިތުރުން މި މުބާރާތް ކުޅުދުއްފުށީގައި ހޯސްޓު ކުރުމުުގެ ފުރުސަތު ސިޓީ ކައުންސިލަށް ލިބުމުން، ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް ވިދާޅުވެފައިވަނީ މި މުބާރާތް ވެގެންދާނީ ރާއްޖެއަށް އެފަދަ މުބާރާތްތައް ހޯސްޓްކުރުމުގެ އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ މުބާރާތަކަށް ކަމަށެވެ. އަދި މި މުބާރާތް ހޯސްޓް ކުރަން ކުޅުދުއްފުއްޓަށް ލިބުމުން ކާމިޔާބުކަމާއެކު ހޯސްޓް ކޮށްދެއްވާނެކަމުގެ ޔަޤީންކަން މޭޔަރ ވަނީ އަރުވާފައެވެ.

ކުޅުދުއްފުށީގެ މާހައުލު ކޮމަންވެލްތް ގޭމްސް ފުރިހަމައަށް ބޭއްވުމަށް ތައްޔާރުކުރުމުގައި ސިޓީ ކައުންސިލުގެ އިތުރުން ސިޓީގެ މުއައްސަސާތަކުންނާއި ކްލަބް ޖަމިއްޔާތަކުންނާއި އާންމު ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދަނީ ލިބެމުންނެވެ. މިގޮތުން މެހެމާނުންނަށް ރަށުތެރެ ޒީނަތްތެރިކުރުމަށް ހަރަކާތްތަކެއް މިހާރު އެ ސިޓީގައި ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.