ހދ. ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓު ލިބޭ ފަރާތްތަކުންކުރެ، އެ ޔުނިޓްތައް ހަވާލުކުރުމުގެ މަސައްކަތުގައި ކުރިން ސޮއި ނުކުރާ ފަރާތްތަކާއެކު ހައުސިން ޔުނިޓް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުުރުމުގެ ފުރުސަތު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފަރަސްޓްރަކްޗަރ އިން ހުޅުވާލައިފިއެވެ.
މިފުރުސަތު ހުޅުވާލައި ހައުސިންގ މިނިސްޓްރީން އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން، ހދ. ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓު ލިބޭ ފަރާތްތަކާއެކު ހައުސިންގ ޔުނިޓު ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ނޮޅިވަރަންފަރުގައި އެ މިނިސްޓްރީން ކުރިއަށް ގެންގޮސްފައިވީނަމަވެސް، ބައެއް ފަރާތްތަކުން އެއްބަސްވުމުގައި މިހާތަނަށް ސޮއިކޮށްފައިނުވާކަމަށެވެ.
މިގޮތުން، ނޮޅިވަރަންފަރުން ހައުސިން ޔުނިޓު ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ސޮއިކޮށްފައިނުވާ ފަރާތްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ އިންތިޒާމް 14 ސެޕްޓެމްބަރ 2025 ވާ އާދީއްތަ ދުވަހުން ފެށިގެން 18 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 1:30 އަށް ހައުސިންގ މިނިސްޓްރީގައި އޮންނާނެކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މީގެ އިތުރުން އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި މި ތާރީޚްތަކަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް ހައުސިންގ މިނިސްޓްރީން، ހައުސިންގ ޔުނިޓް ލިބުނު ފަރާތްތަކަށް ގުޅަމުން ގެންދާނެ ވާހަކަވެސް އެ މިނިސްޓްރީން ބުނެއެވެ.
ހައުންސިން މިނިސްޓްރީން އިތުރަށް ބުނެފައިވަނީ މި ކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންނަމަ، މިނިސްޓްރީގެ ފޯނު ނަންބަރު، 4004919 ގުޅުމަށް ނުވަތަ، އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ socialhousingprograms@infrastructure.gov.mv އަށް އީމެއިލް ފޮނުވުމަށެވެ.
މި ފުރުސަތަކީ، މި އެއްބަސްވުމުގައި ސޮއިކުރުމަށް ލިބޭ ފަހު ފުރުޞަތުކަމުގައިވެސް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!