ކުޅުދުއްފުށި ސިޓީ ޕަބްލިކް ލައިބްރަރީން އެ ސިޓީގެ އަފީފުއްދީން ސްކޫލާއި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) ގެ އެންޓިނޭޓަލް ކެއަރ ކްލިނިކަށް ފޮތް ހަދިޔާކޮށްފިއެވެ.

ކުޅުދުއްފުށި ސިޓީ ޕްބަލިކް ލައިބްރަރީން ބުނެފައިވަނީ ތަޢުލީމަށް އެހީތެރިވެ، މުޖުތަމައުގައި އިލްމު ފެތުރުމުގެ މަޤްސަދުގައި، އިއްޔެ އަފީފުއްދީން ސްކޫލް އަދި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ އެންޓިނޭޓަލް ކެއަރ ކްލިނިކަށް ގިނަ އަދަދެއްގެ ފޮތްތައް ހަދިޔާކޮށްފައިވާކަމަށެވެ.

Ad
rt

އެގޮތުން މި ފޮތްތަކަކީ، އަފީފުއްދީން ސްކޫލްގެ ދަރިވަރުންނާއި މުދައްރިސުންނަށް އެކިއެކި މައުޟޫތަކުން ދިރާސާކުރުމަށާއި، އާ މައުލޫމާތުތައް ދެނެގަތުމުގެ އިތުރުން ތައުލީމީ ދައުރުގައި މި ފޮތްތަކަކީ ވަރަށް އަގުހުރި ވަސީލަތަކަށް ވެގެންދާނެކަމަށް އުންމީދުކުރާކަމަށް ޕަބްލިކް ލައިބްރަރީން ބުނެފައިވެއެވެ.

މީގެ އިތުރުން، ކުޅުދުއްފުށި ޕަބްލިކް ލައިބްރަރީން ވަނީ ކޭއާރުއެޗުގެ އެންޓިނޭޓަލް ކެއަރ ކްލިނިކަށް ހަދިޔާކުރި ފޮތްތަކުގެ ތެރޭގައި، ސިއްހަތާއި ހަށިގަނޑުގެ ދުޅަހެޔޮކަމާބެހޭ މުހިންމު މައުލޫމާތުތައް އެކުލެވޭ ފޮތްތައް ހިމެނޭނެކަމަށް ފާހަގަކޮށްފައެވެ.

މި ފޮތްތަކުގެ ސަބަބުން، ކްލިނިކަށް ޒިޔާރަތްކުރާ ބަލިމީހުންނަށާއި، ސިއްހީ ޚިދުމަތްދޭ ފަރާތްތަކަށް ސިއްހީ ކަންކަމާބެހޭ ގޮތުން އިތުރު މައުލޫމާތުތައް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ކުރާ މިފަދަ ހަރަކާތްތަކަކީ، މުޖުތަމަޢުގެ ތަރައްޤީއަށްޓަކައި، ޢިލްމާއި މައުލޫމާތު ފެތުރުމުގެ މުހިންމުކަން ރަމްޒުކޮށްދޭ ކަމެކެވެ.