އިސްރާއީލްގެ އިތުރު ހަމަލާތަކެއް ގަތަރަށް އަޔަނުދިނުމަށްޓަކައި އެމެރިކާއާއެކު މަސައްކަތްކުރަމުންދާ ކަމަށް ޤަތަރުގެ ޚާރިޖިއްޔާ ވުޒާރާގެ ތަރުޖަމާނު މާޖިދް އަލް-އަންސާރީ ވިދާޅުވެއްޖެއެވެ.
ދޯހާއަށް އިސްރާއީލުން ދިން ހަމަލާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަލް-އަންސާރީ ވިދާޅުވީ، އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ސުލްޙަވެރިކަމަށް މަސައްކަތްކުރާ ކޮންމެ ޤައުމަކަށްވެސް، އަދި ރަހީނުން ހިފެހެއްޓޭ ހާލަތްތަކުގައި އިސްރާއީލަށް އެހީތެރިވާ ޤައުމުތަކަށްވެސް ވަރަށް ސާފު މެސެޖެއް ފޮނުވާފައި ކަމަށެވެ.
"އެއީ މެދުވެރިން ބަދުނާމުކޮށް، ރައްކާތެރިކަމެއް ނުދީ، އަދި އެމީހުންގެ މަސައްކަތުގެ ޤަދަރަށް އިޙްތިރާމް ނުކުރާނެ ކަމުގެ މެސެޖު'' އޭނާ ވިދާޅުވެފަވެއެވެ.
އަލް-އަންސާރީ އިތުރަށް ވިދާޅުވީ، އިސްރާއީލުގެ މި ހަމަލާއަކީ ހަމައެކަނި ޤަތަރުގެ ސިޔާދަތަށް އަރައިގަތުމެއް ނޫން ކަމަށާއި، ދެވަނަ ބޮޑު ހަނގުރާމައަށްފަހު ބައިނަލްއަޤްވާމީ ނިޒާމުގެ އަސާސްކަމުގައިވާ ބައިނަލްއަޤްވާމީ އާދަކާދައާއި އިންސާނީ ޙައްޤުތަކުގެ ޤާނޫނުތަކަށް ދެވުނު ހަމަލާއެއް ކަމަށެވެ.
"ނަމަވެސް، މިކަމުގެ ސަބަބުން ޤަތަރު ސުލްޙައަށް މަސައްކަތްކުރުމުން ފަހަތަށް ޖެހިގެން ނުދާނެކަން ކަށަވަރު،" އަލް-އަންސާރީ އިތުރުކުރެއްވިއެވެ.
މި ހަމަލާއަށް އެމެރިކާއިން ހުއްދަ ދިންކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ސުވާލުކުރެވުމުން، އަލް-އަންސާރީ ވިދާޅުވީ ވޮޝިންގްޓަނުން ޤަތަރަށް މި ހަމަލާގެ މަޢުލޫމާތު ދިނީ އެ ހަމަލާ ދިނުމަށްފަހުގައި ކަމަށެވެ. ނަމަވެސް، އެމެރިކާގެ ރައީސް ޓްރަމްޕް ޤަތަރުގެ އަމީރާ ގުޅުއްވައި، މިފަދަ ހަމަލާއެއް އަލުން ނުދެވޭނެކަމުގެ ޔަޤީންކަން ދެއްވާފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.
"އަމީރު ވަރަށް ސާފުކޮށް ވިދާޅުވެފައިވަނީ މި ހަމަލާ ޖަވާބެއް ނުދީ ދޫކޮށްނުލާނެ ކަމަށާއި، މިކަމާ ގުޅިގެން ހުރިހާ ޤާނޫނީ އަދި ޑިޕްލޮމެޓިކް ފިޔަވަޅުތަކެއް އަޅާނެ ކަމަށް،" އަލް-އަންސާރީ އަލްޖަޒީރާއަށް ވިދާޅުވިއެވެ.
އަންސާރީ އިތުރަށް ވިދާޅުވެފައި ވަނީ ނަތަންޔާހު އޭނާގެ ބައިވެރިންނާއި އެކުވެރިންނަށް އަދި އޭނާގެ ރަޙްމަތްތެރިންނާއި ވާދަވެރިންނަށްވެސް އެއްވެސް އިޙްތިރާމެއް ނުކުރާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!