ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި ހުސައިން ފަހުމީ ވަކިކުރުމަށްފަހު، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ކުރީގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދު އެ މަގާމަށް މިއަދު އައްޔަންކޮށްފައިވެއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިކަން އިއުލާންކޮށްފައިވަނީ މިއަދުއެވެ.

Ad
rt

ފަހުމީ އަކީ ސްޓެލްކޯގައި 25 އަހަރުގެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރެވިފައިވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.

މިފްކޯގެ ސީއީއޯގެ މަގާމު ފުރުއްވާފައިވާ ސަމާހު އެމަގާމަށް އައްޔަންކުރެވިފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅުގައެވެ. ނަމަވެސް، 2024 ވަނަ އަހަރުގެ މޭ މަހު އޭނާ ވަނީ އެ މަގާމުން، ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ބަދަލުކުރަށްވާފައެވެ.

ސްޓެލްކޯގެ އެމްޑީ ކަމުގެ މަގާމުން ފަހުމީ ވަކިކުރެއްވި ސަބަބެއް ޕީސީބީން ނުބުނެއެވެ.

މި ބަދަލު ގެނެސްފައިވާއިރު، މިފަހުން ވަނީ އެހެެން ބައެއް ކުންފުނިތަކުގެ ވެރިން ވެސް ބަދަލުކޮށްފައިކަން ފާހަގަކުރެވެއެވެ. މިގޮތުން މިދިޔަ ޖުލައި 30 ވަނަ ދުވަހު ވަނީ ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަލީ ޒުހައިރު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރަށް އަދި އާރުޑީސީއަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނަޡީމް ޢައްޔަނުކުރަށްވާފައެވެ.