ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންދިޔަ "ޔޫތް އެޑްވޮކަސީ ގައިޑް ވޯރކްޝޮޕް" ނިންމާލައިފިއެވެ.
މި ސެޕްޓެމްބަރ މަހު 3 އިން 4 އަށް ކުރިއަށް ގެންދިޔަ މި ވޯކްޝޮޕަކީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި ޔުނިސެފް މޯލްޑިވްސް އާއި ގުޅިގެން ކުރިއަށް ގެންދިޔަ ވޯކްޝޮޕެކެވެ.
ސިޓީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި، ޖުމްލަ 15 ބައިވެރިން މި ވޯކްޝޮޕުގައި ބައިވެރިވެފައިވާއިރު، މި ވޯކްޝޮޕްގެ ސެޝަންތައް ނަންގަވައިދެއްވާފައިވަނީ ނޭޕާލްގައި ޔޫތް އެޑްވޮކަސީ ޓްރެއިނިންގ ފުރިހަމަކުރައްވާފައިވާ، ޔޫތް އެޑްވޮކޭޓުން އަދި ޔުނިސެފްގެ ޔޫތް ކޯހޯޓުން ކަމުގައިވާ އަލްފޟިލް އާއިޝަތު އަފާ ޢަލީ އަދި އަލްފާޟިލް ޙުސައިން ޔޫސުފް އެވެ.
މީގެ އިތުރުން މި ވޯކްޝޮޕުގައި ގެސްޓް ސްޕީކަރެއްގެ ގޮތުގައި ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް އަބްދުالله އާދަމް ސެޝަން އެއް ނަންގަވައިދީފައިވާކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
މި ވޯކްޝޮޕް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ކައުންސިލަރު އަޙުމަދު އަބްދުالله (ރޯޒޭ) ވަނީ ޝަރަފްވެރިކޮށްދެއްވާފައެވެ. އެގޮތުން މި ރަސްމިއްޔާތުގައި ރޯޒޭ ވަނީ ވޯރކްޝޮޕުގެ ބައިވެރިންނާއި މުހާތަބު ކުރައްވައި ޒުވާނުންނަށް ޚިޔާލުފާޅުކުރުމަށް ލިބިފައިވާ މިނިވަންކަން ފުރިހަމައަށް ބޭނުންކުރުމަށް ނަސޭހަތްތެރިވެފައެވެ. އަދި ކޮންމެ ހޯމަ ދުވަހެއްގެ މެންދުރު 1 އިން 2 އަށް ކުރިއަށް ގެންދާ ރައްޔިތުންގެ އަޑުގައި ބައިވެރިވެ، ޒުވާނުންގެ ޚިޔާލާއި މަޝްވަރާ ހިއްސާކުރުމަށް ރޯޒޭ ވަނީ އިލްތިމާސްކޮށްފައެވެ.
ކުުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ މި ވޯކްޝޮޕުގެ މައިގަނޑު މަޤުސަދެއްގެ ގޮތުގައި ޒުވާނުންނަށް އަމިއްލަ ރަށުގައާއި، ޤައުމީ އަދި ބައިންލައަޤުވާމީ ފެންވަރުގައި ސިޔާސީ، އިޤްތިސާދީ، އިޖުތިމާޢީ، ތިމާވެށި އަދި ސިއްހަތު ފަދަ މުހިންމު ދާއިރާތަކުން ހިނގާ އެކި ކަންކަމާއި މެދު ވިސްނުމަށްކަމަށް ފާހަގަކޮށްފައެވެ.
މީގެ އިތުރުން އެދާއިރާތަކުން ޒުވާނުން ދެކެން ބޭނުންވާ ބަދަލުތަކާއި ގުޅޭގޮތުން ވަކާލާތުކުރުމަށް ހިތްވަރުދިނުމާއި، އެކަމަށް ބޭނުންވާ ހުނަރުތައް ތަރައްޤީ ކުރުމަށް ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!