ހދ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކުޅުދުއްފުށީ ސިޓީގައި ކުރިއަށް ގެންދިޔަ "ކުޅުދުއްފުށި ބަށި މުބާރާތް - ހދ އަތޮޅު ލީގް 2025"ގެ ޗެމްޕިއަންކަން ކުމުންދޫގެ ކްލަބް ސަމާ ހޯދައިފިއެވެ.
މި ސެޕްޓެމްބަރ މަހު 4 އިން 6 އަށް ކުޅުދުއްފުށި ސިޓީ ސްޓޭޑިއަމް އަރޭނާގައި ކުރިއަށް ގެންދިޔަ މި ބަށި މުބާރާތުގެ ފައިނަލް މެޗުކުޅެ، ނިންމުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވާއިރު، މި މުބާރާތުގެ ފައިނަލްގައި ކުޅެފައި ވަނީ ނެއްލައިދޫ ބަށި ޓީމާއި، ކުމުންދޫގެ ކްލަބް ސަމާ އެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ކްލަބް ސަމާ ހޯދާފައި ވަނީ 31-25 ލަނޑުން ނެއްލައިދޫ ޓީމުގެ މައްޗަށް ކުރި ހޯދައިގެންނެވެ.
މި މުބާރާތުގެ ފަހުރުވެރި ޗެމްޕިއަންކަން ކުމުންދޫ ކްލަބް ސަމާ ހޯދާފައިވާއިރު، މި މުބާރާތުގެ ރަނަރަ އަޕް ޓީމަށް ނެއްލައިދޫ ބަށި އަދި ތާޑް ރަނަރ އަޕް ޓީމަކަށް ހޮވިފައިވަނީ ކުޅުދުއްފުށީ ސިޓީގެ މަންތާ ސްޕޯޓްސް އެކަޑެމީ އެވެ. އަދި މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަކީ ކުޅުދުއްފުށީ ސިޓީގެ މަންތާ ސްޕޯޓްސް ކްލަބް ކޮރަލްސް އެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމް، ކްލަބް ސަމާ އަށް 30،000 ރުފިޔާގެ ފައިސާގެ އިނާމު އަދި ރަނަރަޕް ޓީމް ނެއްލައިދޫ އަށް 15000 ރުފިޔާގެ ދީފައިވެއެވެ. އަދި ޓްރޮފީއާއި މެޑެލް ދީފަވެއެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލާއި ބަށި ބޯޅަ ފައުންޑޭޝަނުން ކުރިއަށް ގެންދިޔަ މި މުބާރާތުގައި މުޅި ޖުމްލަ 6 ޓީމަކުން މިއަހަރު ބައިވެރިވެފައިވާއިރު، ކުުޅުދުއްފުށީގައި ބާއްވާ މި މުބާރާތަކީ ރާއްޖޭގައި އަތޮޅު ލީގެއްގެ ގޮތުގައި ކުރިއަށް ގެންދާ ހަމައެކަނު ބަށި މުބާރާތް ކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!