ޤައުމީ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން ށ. އަތޮޅު ބިލެތްފައްސަށް ކުރެއްވި ޒިޔާރަތަކީ، އުފާވެރިކަމާއި އުއްމީދު އާކޮށްދިން ކާމިޔާބު ޒިޔާރަތެއް ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ޤައުމީ ދުވަސް ށ.އަތޮޅުން، އަތޮޅު ފެންވަރުގައި ފާހަގަކުރުމަށް ށ.ބިލެތްފަހީގައި ވަނީ މިދިޔަ މަހު 29 އިން 30 އަށް ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތްތަކުގައި ޝަރަފްވެރިއެއްގެ ގޮތުގައި ވަޒީރު މާރިޔާވެސް ބައިވެރިވެވަޑައިގަތެވެ.
ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ވަޒީރު ށ. އަތޮޅަށް ކުރެއްވި މި ޒިޔާރަތުގައި، ރަށުގެ އިސް ރައްޔިތުންނާއި، ހުނަރުވެރި ޒުވާނުންނާއި، އަދި ޝައުޤުވެރިކަމާއެކު ތިބި ސްކޫލް ކުދިންނާ ބައްދަލުކުރެވި، އެފަރާތްތަކުގެ ވާހަކަތަކާއި، ހުވަފެންތަކާއި، އަދި އުއްމީދުތައް ހިއްސާކޮށްފައިވާކަމަށް މީސްމީޑިއާގައި ވަޒީރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.
ޤައުމީ ދުވަސް ފާހަގަކުރުމަށް ބިލެތްފަހީގައި ކުރިއަށް ގެންދިޔަ ހާއްސަ ހަވީރުގައި ކުޑަކުދިން ހުށަހަޅައިދިން ރޯލްޕްލޭގެ ތެރެއިން، ފޮޓޯ: ބިލެތްފަހި ކައުންސިލް
މި ދަތުރުފުޅުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމެއްގެ ގޮތުގައި ވަޒީރު ވިދާޅުވެފައިވަނީ، ކުޑަކުދިން ފުލުހުންގެ ޚިދުމަތާ ގުޅޭގޮތުން ހުށަހެޅި ރޯލްޕްލޭއެވެ.
އެގޮތުން ވަޒީރު ޑރ. މާރިޔާ ވިދާޅުވީ ކުދިން ޤައުމަށް ޚިދުމަތްކުރުމަށް ދައްކާ ޝައުޤުވެރިކަމާއި، އިޚްލާޞްތެރި ޤައުމިއްޔަތުގެ ރޫޙަކީ ހަޤީޤަތުގައިވެސް ވަރަށް އަޖައިބު ކުރުވަނިވި ކަމެއް ކަމެއްކަމަށެވެ.
"އަޅުގަނޑުމެންގެ ރަށްރަށުގެ މުޖުތަމަޢުތަކުގައި މިފަދަ އުފާވެރިކަމާއި އުއްމީދު ފެތުރިފައިވާކަން ދެކުމަކީ ވަރަށް އަޖައިބުވާ ކަމެއް. އަދި ޒުވާނުންނަށް އެމީހުން ވާން ބޭނުންވާ ގޮތް އެނގި، ޤައުމުގެ މުސްތަޤުބަލަށް ޙިއްޞާވުމަށް ޝައުޤުވެރިވެފައި ތިބިކަން ފެނުމަކީވެސް ހިތްގައިމު ކަމެއް" ވަޒީރު ވިދާޅުވިއެވެ.
ޤައުމީ ދުވަސް ފާހަގަކުރުމަށް ބިލެތްފަހީގައި ކުރިއަށް ގެންދިޔަ ހާއްސަ ހަވީރުގައި ކުޑަކުދިން ހުށަހަޅައިދިން ރޯލްޕްލޭގެ ތެރެއިން، ފޮޓޯ: ބިލެތްފަހި ކައުންސިލް
ވަޒީރު އިތުރަށް އެ ޕޯސްޓުގައި ވިދަޅުވެފައިވަނީ ވަނީ މިފަދަ ވަގުތުތަކުން ހަނދާންކޮށްދެނީ، ދިވެހިރާއްޖޭގެ ރަށްތައް މިހާ ޚާއްސަވެގެންވާ އެއް ސަބަބު ކަމަށާއި އެއީ އުއްމީދުންފުރި، އަދި ޤައުމަށް ތަފާތު ގެނައުމަށް ތައްޔާރަށް ތިބި މީހުންކަމަށެވެ.
މީގެ އިތުރުން ވަޒީރު މާރިޔާ ވަނީ، ށ. އަތޮޅަށް ކުރެއްވި މި ޒިޔާރަތަކީ، ޤައުމީ ދުވަހުގެ ރޫޙު އާލާކޮށް، ރަށްރަށުގެ ރައްޔިތުންނާ ގާތް ގުޅުމެއް ބިނާކުރުމަށް ކުރެވުނު މުހިންމު ދަތުރެއްގެ ގޮތުގައި ފާހަގަކުރަށްވާފައެވެ.
ޤައުމީ ދުވަސް ފާހަގަކުރުމަށް ބިލެތްފަހީގައި ކުރިއަށް ގެންދިޔަ ހާއްސަ ހަވީރުގައި ކުޑަކުދިން ހުށަހަޅައިދިން ރޯލްޕްލޭގެ ތެރެއިން، ފޮޓޯ: ބިލެތްފަހި ކައުންސިލް
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!