މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އުވާލަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ 2018 ގައި އުފެއްދި އެމްޓީޑީ އުވާލަން ނިންމާފައިވަނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 30 ވަނަ މާއްދާގައިވާ ގޮތުގެމަތީންނެވެ.
އީސީ އިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، އެމްޓީޑީ އުވާލަން ނިންމާފައިވަނީ ޕާޓީގައި ހިމެނޭ މެންބަރުންގެ އަދަދު ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ މަދު އަދަދަށްވުރެ މަދުވުމުގެ ސަބަބުންނެވެ. ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ކޮންމެ ޕާޓީއެއްގައިވެސް މަދުވެގެން 3،000 މެންބަރުން ތިބެންޖެހޭއިރު، އެމްޓީޑީގައި މިވަގުތު ތިބީ 2،272 މެންބަރުން އެވެ.
އިލެކްޝަން ކޮމިޝަނުން އަންގާފައިވާ ގޮތުގައި، އެމްޓީޑީ އިން އަދާކުރަންޖެހޭ ދަރަންޏެއް ވާނަމަ، އޮގަސްޓް 31 ވަނަ ދުވަހުގެ ނިޔަލަށް އެކަން އެ ޕާޓީއަށް ހުށަހަޅައި ނިންމަން ޖެހޭނެ އެވެ.
އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލައިގައި ތުހުމަތު ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްކޮށް ހުރެ އުފެއްދި އެމްޓީޑީ އިން މީގެކުރިން ބައެއް ސިޔާސީ ހަރަކާތްތައް ހިންގި ނަމަވެސް، ފަހުގެ ތާރީހެއްގައި އެ ޕާޓީގެ އެއްވެސް ހަރަކާތެއް ފެންނާކަށް ނެތެވެ. ކުރީގެ ސަރުކާރުން އަދީބު ޖަލުން މިނިވަންކުރުމަށްފަހު، މިހާރު އޭނާ ދިރިއުޅެމުން ގެންދަނީ ރާއްޖޭން ބޭރުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!