ހދ. ނޮޅިވަރަމުގައި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރެއްވުމުގެ މަސައްކަތް މި އަހަރު ފައްޓަވާނޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ނޮޅިވަރަމަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ނޮޅިވަރަމަކީ އާބާދީ ބޮޑު، ބިންބޮޑު ރަށެއް ކަމުގައިވާތީ، އެ ރަށުގައި ހިންގާ މަޝްރޫޢުތައް ރާއްވަވާފައިވާނީ ސަރުކާރުގެ ދެމެހެއްޓެވިނި ތަރައްޤީގެ ސިޔާސަތުގެ ތެރެއިންނެވެ. އެގޮތުން، 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރެއްވުމުގެ މަސައްކަތް މި އަހަރު ފައްޓަވާނޭ ކަމަށާއި، ހޮސްޕިޓަލުގެ މަސައްކަތް ނިމެންދެން، އެ އޮންނަ އިންތިޤާލީ މަރުޙަލާގައިވެސް ސިއްޙީ މަރުކަޒުގެ ޚިދުމަތް ހަރުދަނާކުރަން ބޭނުންވާ މާއްދީ އަދި އިންސާނީ ވަސީލަތްތައް ފުރިހަމަކޮށްދެއްވަމުން ގެންދަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސިއްހީ ޚިދުމަތްތަކުގެ އިތުރުން، ރައީސް ވަނީ ރަށުގެ ކަރަންޓުގެ މައްސަލަތައް ހައްލުކުރުމަށް ވެސް ވަޢުދުވެވަޑައިގެންފައެވެ. އެމަނިކުފާނު ވިދާޅުވީ ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި، ދަނޑުބިންތަކަށް ކަރަންޓު ދެވޭ މިންވަރަށް ކޭބަލް އަޅައި، ރަށުގެ އިންޖީނުގެ ހުންނަ ތަން ބަދަލުކޮށް، ކަރަންޓުގެ މައްސަލަ ހައްލުކޮށްދެއްވާނެއެވެ.
ތަޢުލީމީ ދާއިރާއަށް ބައްލަވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، މިހާރު ފެށިފައިވާ މަލްޓިޕަރޕަސް ހޯލްގެ މަސައްކަތުގައި ސްކޫލަށް ބޭނުންވާ އިތުރު ބިނާރުގެ މަސައްކަތް ހިމަނުއްވާނޭކަމަށެވެ.
މި ދަތުރުފުޅުގައި ހިމެނިގެން އިއްޔެ ވަނީ ނޮޅިވަރަމްގައި ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތި ސަޕްލައިކުރާނެ ފިހާރައެއް ޤާއިމުކުރުމުގެ މަޝްރޫޢާއި، ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢާއި، މަގުހެދުމުގެ މަޝްރޫޢުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!