ހދ. ހަނިމާދޫ ސިއްހީ މަރުކަޒުގައި މިއަހަރު ނިމުމުގެ ކުރިން ޑަޔަލިސިސްގެ ޚިދުމަތް ފައްޓަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ހަނިމާދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ހަނިމާދޫގައި އަޅަން ނިންމާފައިވާ 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް މިއަދު ފެށޭނެކަން ފާހަގަކުރަށްވާފައެވެ. އަދި މި އަހަރު ނިމުމުގެ ކުރިން މިހާރު ހުރި މަރުކަޒުގައި ޑަޔަލިސިސްގެ ޚިދުމަތް ފައްޓަވައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އަންހެނުންގެ ޚާއްޞަ ޑޮކްޓަރަކާއި ކުޑަކުދިންގެ ޑޮކްޓަރެއްގެ ޚިދުމަތްދޭން ފައްޓަވައިދެއްވާނޭކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވިއެވެ.
އަންހެނުންގެ ޚާއްޞަ ޑޮކްޓަރެއް މިހާރު ވެސް ހަނިމާދޫ ސިއްހީ މަރުކަޒުގައި ބައްލަވައެވެ. އެ ޑޮކްޓަރަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ހަމަޖައްސަވާފައިވާ ޑޮކްޓަރެކެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑައިލިސިސްގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.
ޑައިލިސިސްގެ ޚިދުމަތަކީ ކިޑްނީގެ ބަލީގެ ފަރުވާ ހޯދަމުންދާ ފަރާތްތަކަށް އެންމެ މުހިންމު އެއް ޚިދުމަތެވެ. މި ޚިދުމަތް ހޯދާ ފަރާތްތަކުން ހަފްތާއަކު 2 ނުވަތަ 3 ދުވަހު، ދުވާލަކު 4 ގަޑިއިރު މެޝިނުގެ އެހީގައި ފަރުވާ ހޯދަން ޖެހެއެވެ.
ހެލްތް މިނިސްޓްރީން ކުރިން ބުނެފައިވާގޮތުގައި އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ޑައިލިސިސްގެ ޚިދުމަތް ހޯދުމަށް މާލެއަށް ދަތުރުކުރަން ޖެހުމަކީ ވަރަށް ބޮޑު ގޮންޖެހުމަކަށް ވެފައިވާތީ، މި އަހަރުގެ ތެރޭގައި އިތުރު ސަރަހައްދުތަކުގައި މި ޚިދުމަތް ފެށުމަށް ސަރުކާރުން ވަނީ ރާވާފައެވެ. މި ގޮތުން ޑައިލިސިސްގެ ފަރުވާ ބޭނުންވާ މީހުން ގިނަ ހިސާބުތައް ދެނެގަނެ، އެ ސަރަހައްދުތަކުގައި އިސްކަންދީގެން މި ޚިދުމަތް ގާއިމްކުރުމަށް ހަމަޖެހިއިވާކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!